އާސަންދަ މެޑިކަލް ޗެކަޕްގެ ދަށުން އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެޑިކަލް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އާސަންދައިން ބުނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއުމުރު ފުރައިގެ މީހުންނަށް މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށް ސަރުކާރުން މިހާރުވަނީ އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް، ހެދޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުން އަދި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 35 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންގެ މެޑިކަލް ޗެކަޕް އާސަންދައިގެ ދަށުން ހެދޭނެ ގޮތްވަނީ ހަމަޖައްސަވާފައެވެ.
މީގެ ކުރިން، 1 ޖަނަވަރީ 2024 ގައި 50 އަހަރުން މަތީގެ އުމުރުފުރާ އަދި 1 އޭޕްރީލް 2024 ގައި 18 އަހަރުން ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުވާނީ ހަމަޖައްސައިދީފަ. pic.twitter.com/cTINX4CSQ2
— Aasandha Company Ltd (@AasandhaLtd) July 9, 2024
ސަރުކާރުން ކުރިންވެސް ޕްލޭންކޮށްފައި އޮތީ ޖުލައި މަހުގެ ތެރޭގައި އުމުރުން 19 އަހަރާއި 34 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދައި ދޭން ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. މިއާއެކު ރާއްޖޭގެ ކޮންމެ މީހަކަށް އަހަރަކު 2 ފަހަރު ހިލޭ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިވަނީ ހުޅިވިފައެވެ. ސަރުކާރުގެ ޞިއްޙީ ފަރުވާ ދޭ ކޮންމެ ހޮސްޕިޓަލަކުންވެސް މެޑިކަލް ޗެކަޕް ހެދޭނެއެވެ. މިއިންތިޒާމުގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
އާސަންދައިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މޭއިމަހުގެ މެދާ ހިސާބަށް 700 އަށްވުރެ ގިނަ މީހުންވަނީ މެޑިކަލް ޗެކަޕް ހަދާފައެވެ. އެހެންނަމަވެސް އަދިވެސް އެދެވޭ ގޮތެއްގައި މިޚިދުމަތް ހޯދަމުން ނުދާތީ މިކަމަށް އިތުރަށް ސަމާލުވުމަށްވަނީ އެދިފައެވެ.
ދާއިމީ ބޮޑެތި ބަލިތައް ގިނަވެ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވާފައިވާ ވަޢުދުފުޅުގެ ދަށުން ހުޅުވާލި މެޑިކަލް ޗެކަޕްގެ ބޭނުން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. މީގެ ސަބަބުން ދުރަލާ ބަލި ދެނެގަނެވި އެބަލިން އަރައިގަތުމަށް ފުރުސަތު ލިބޭނެއެވެ.