ޚަބަރު

މަތީ ތަޢުލީމު ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރގެ ދައުރު މުހިންމު: މެންބަރުން


  • ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން ޕްރައިވެޓް ކޮލެޖުތަކަށް ގެއްލުންވި

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރ ކުރިއެރުވުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ.

ޤާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ވިދާޅުވީ، މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި ވާސީލަތްތަކާއި ޤާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއެވެ.

މެންބަރު އަބްދުﷲ ރިފާޢު ވިދާޅުވީ މިއަދު ރާއްޖޭގެ މަތީތައުލީމުދޭ ޕްރައިވެޓް އިންޓިޓިއުޝަންތައްވެސް ވާދަވެރިކަމެއްގެ ތެރެއިން ފެންވަރު ރަނގަޅުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ކޮލެޖުތައް ޔުނިވަރިސޓީތަކަށް ބަދަލުވުމުން އެތަންތަނުން ޑިގްރީ ހާސިލްކުރާ ދަރިވަރުންގެ ސެޓްފިކެޓްތަކުގެ ފެންވަރު ވަރުގަދަވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"މިއަދުވެސް ގިނަ ކުދިން ތައުލީމު ހާސިލްކުރަމުންދަނީ ޕްރައިވެޓް ކޮލެޖުތަކުގައި. އެ ކޮލެޖުތަކުން ލިބޭ ޑިގްރީއަކަށްވުރެ، އެ ކޮލެޖަށް ޔުނިވަރސިޓީ ސްޓޭޓަސް ލިބިފައި، އެ ލިބޭ ޑިގްރީއެއްގައި ދުނިޔޭގެ އެހެން ޤައުމުތަކަށް މަތީތައުލީމުގެ އެހެން ފުރުސަތުތަކަށްދާއިރު އެ ކުދިންނަށް ފުރުސަތު ފަހިވެގެންދާނެ،" މެންބަރު އަބްދުﷲ ރިފާއު ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއަރައިގެންދާނީ ޕްރައިވެޓް ކޮލެޖުތައް ތަރައްގީކޮށްގެން ކަމަށެވެ. ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނީވެސް ޕްރައިވެޓް ސެކްޓަރއަށް އިންވެސްޓްކޮށްގެން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމު ހިންގި ގޮތުގެ ސަބަބުން ޕްރައިވެޓް ކޮލެޖުތައްއިނދަޖެހިގެން ދިޔަކަމަށް މެންބަރު ވިދާޅުވިއެވެ.

"މި ބިލުން ހުރިހާ ފަންތިތަކެއް އެބަ ސަލާމަތްކުރެވޭ. ތައުލީމީ ރައްކާތެރިކަން، ޖިންސެއް ތަފާތެއް ނުކޮށް، ނުކުޅެދުންތެރިކަމެއް، ކުޅެދުންތެރިކަމެއް ތަފާތުނުކޮށް، ހުރިހާ ފަންތިއަކަށް ރައްކާތެރިކަން ދީފަ މިއޮތީ ޤާނޫނު އިސްލާހު ކުރައްވަން ހުށަހަޅުއްވައި. މިއީ ހެޔޮ ނިޔަތުގައި މަތީ ތަޢުލީމަށް ޚިދުމަތްކުރާ ވެރިން އަމަލުކުރާ ގޮތަކީ،" މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވިއެވެ.

މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ދިނުމުގެ އިތުރުން ބޭރު ޤައުމުތަކުގެ ކިޔަވާކުދިންނަށް ރާއްޖެއިން ފުރުސަތުދީ އެޑިއުކޭޝަނަލް ޓޫރިޒަމް ފަށަންޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖޭން ސްޓޫޑެންޓް ވިސާ ދޫކުރަން ފަށަންޖެހޭ ކަމަށާއި އެކަން ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންކަމަށް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ޕްރައިވެޓް ކޮލެޖުތައް ޔުނިވަރސިޓީއަށް ބަދަލުވެ، އެ ޔުނިވަރސިޓީތަކުން ބޭރުގެ ކުދިން ކިޔަވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަން. އަދި ދައުލަތަށް ގިނަ ފައިސާތަކެއް އެ ދާއިރާއިން ލިބުން،" ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ކޮލެޖެއް ޔުނިވަރސިޓީއަކަށް ހެދުމުގައި އެ ކޮލެޖުގެ ކޯސްތަކުގެ ކޮލިޓީއަށާއި ޢިލްމީ ދިރާސާތައް ކޮށްފައިވާ މިންވަރު ބަލަންޖެހޭ ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ޝަރުތުތައް ކަނޑައެޅުމުގެ ބާރު ވަޒީރަށް ލިބޭކަން ފާހަގަކުރައްވައި އެ ޝަރުތުތައް ޤާނޫނެއްގައި ބަޔާންވެފައިހުރުން މުހިންމު ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ޝަރުތުތައް ޤާނޫނުގައި ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. ހަމައެގޮތަށް މި ޤާނޫނުގައި އެ މުހިންމު ޝަރުތުތައް ބަޔާންކޮށްފައި ހުރި ހުރުމަކީ މި ބިލު ފާސްކޮށް ޤާނޫނަކަށް ހެދުމަށް މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ދެކެން،" މެންބަރު މަޢުރޫފް ވިދާޅުވިއެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ދަށް ކުރުމަށެވެ. އަދި ޔުނިވަރސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާނެ ޝަރުތުތައްވެސް ތަފްސީލުކޮށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.