ޚަބަރު

ގޭންގް ހަރަކާތް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައި: ފުލުހުން


  • ގޭންގުތަކަށް ކުޑަކުދިން ވައްދާ ކުށްކުރުވަމުންދޭ

  • ގޭންގު ހަރަކާތް ހުއްޓުވުމަށް ޚާއްސަ ވިންގެއް ވަނީ ގާއިމްކޮށްފައި

  • މާލޭ ސަރަހައްދުން މިހާރު 8 ގޭންގް ފާހަގަވޭ

މާލޭ ސަރަހައްދުގައި މިހާރުވެސް 8 ގޭންގް ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާކަމަށާއި ގޭންގް ހަރަކާތްތައް ހުއްޓުވުމަށް، ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އާރިފް ވިދާޅުވީ، ގޭންގް ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ ޑިޕާޓްމަންޓެއް މި ޖުލައި މަހުގެ 1 އިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި ޤާއިމްކޮށްފައިވާކަމަށެވެ. އަދި ދިވެހި ފުލުހުން ކޮންމެ ފަސް އަހަރަކަށް ތައްޔާރު ކުރާ ސްޓްރެޓެޖިކް ޕްލޭންގައި މިފަހަރު، ވަރަށް އިސްކަމެއް ދީގެން ގޭންގް ހަރަކާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަންތައްތަކެއް ރާވާފައިވާކަމަށެވެ. އަދި އެ ޕްލޭންތައް ހަދާފައިވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުން އާންމުންގެ ޚިޔާލު ހޯދާ ކުރެވުނު ދިރާސާގެ މައްޗަށް ބިނާކޮށް، ގޭންގުތަކުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓައި ކުރެވޭނެ ކަންކަމުގެ މައްޗަށްކަމަށް އާރިފް ވިދާޅުވިއެވެ.

ގޭންގު ކުށްމަދުކުރުމަށްޓަކައި ޚާއްސަ ވިންގެއް އުފައްދާފައިވާއިރު، އެ ވިންގުގެ ދަށުން، އޮޕަރޭޝަނަލް ޓީމުތަކާއި އިންވެސްޓިގޭޝަނަލް ޓީމުތައް އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރަން ފެށުމުން، ކަންކަން ފަސޭހަވެގެންދާނެ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ގޭންގެއްގެ ގޮތުގައި ބަލަނީ، މަގުމަތީގައި ނުވަތަ އެކިތަންތަނުގައި އެއްވެގެން ތިބެ ޖިނާއީ އެކިއެކި ކުށްތައްކުރަމުންދާ، އަދި އާންމުންގެ ހިތްތަކުގައި ބިރުވެރި އުފެދޭފަދަ އަމަލުތައް ކުރަމުންދާ، ވަކި ނަމެއްދީގެން ވަކި ބައެއްގެ ގޮތުގައި ދައްކުވައިގެން ހަރަކާތްތެރިވާ މީހުންކަމަށެވެ.

އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ސަރަހައްދުތަކުން ގޭންގް ހަރަކާތް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދުގެ ހާލަތަށް ބަލާކަމަށް ވާނަމަ، މާލޭގެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެން އެބަޔަކު އުޅޭ ސަރަހަށްދަށް ގޮސް، އެބަޔަކަށް ފާރަލައިގެން، އެބަޔަކު ކުށެއް ކޮށްފާނެތީ މާރާމާރީއެއް ހިންގަފާނެތީ، އެތަންތަނަށް ގޮސް ބަލަން ޖެހޭ ވަރުގެ 8 ގޭންގު އެބަ ހަރަކާތްތެރިވޭ" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އާރިފް ވިދާޅުވިއެވެ.

މިފަދަ ގޭންގުތަކުން، ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ގޭންގުތަކަށް ވައްދާ ކުށްކުރުމުގައި ބައިވެރިކުރުވާ ކަމަށާއި، އެގޮތުން، ކުޑަކުދިންނަށް ޤާނޫނީ ގޮތުން ލިބިދީފައި އޮންނަ ރައްކާތެރިކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ކުޑަކުދިން ލައްވާ، ޖިނާއީ ބޮޑެތި ކުށްތައް ކުރުވާކަމަށް އާރިފް ވިދާޅުވިއެވެ.

ކުޑަކުދިން ގޭންގުތަކާއި ގުޅުން ހުއްޓުވުމަށް ތަޢުލީމާއި ބެހޭ ވުޒާރާއާއި ސްކޫލުތަކާއި ގުޅިގެން ވެސް ފުލުހުން މަސައްކަތްތަކެއް ކުރައްވާކަމަށްވެސް އާރިފް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަލަށް ޤާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަނީ މިމަހުގެ ފުރަތަމަދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައެވެ.