ޚަބަރު

އެމްއެލްސީއޭގެ ހިންގާ ކޮމިޓީއަށް 9 މެންބަރުން، ޗެއަރއަކަށް ނ.އަތޮޅު ކައުންސިލްގެ ރައީސް


  • ހިންގާ ކޮމިޓީގައި 9 މެންބަރުން ތިއްބަވާނެ

  • ސިޓީ ކައުންސިލްތަކުން އިތުރު މެންބަރަކު އިންތިޚާބުކުރުމަށް ވަނީ ހުޅުވާލާފައި

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން، އެމްއެލްސީއޭގެ ޗެއަރޕާސަނަކަށް ނ. އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބުކޮށްފިއެވެ.

މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި ޗެއަރޕާސަންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ދެ މެންބަރުންނާއި އަތޮޅު ކައުންސިލްތަކުގެ 3 މެންބަރުން އަދި ރަށު ކައުންސިލްތަކުގެ 3 މެންބަރުން ތިއްބަވައެވެ.

އެމްއެލްސީއޭއަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ ތެރެއިން މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ.

މި ޖަމްޢިއްޔާ އުފެއްދުމުގެ މަޤްޞަދަކީ ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމެވެ.

މި ޖަމްޢިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ބ. ކަމަދޫގައި މިދިޔަ އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ.

އެމްއެލްސީއޭގެ ހިންގާ ކޮމިޓީއަށް 9 މެންބަރުން އިންތިޚާބުކުރުމަށް ނިންމައި ފުރުސަތު ހުޅުވާލިއެވެ. މި ފުރުސަތު ހުޅުވާލީ ޖަމްޢިއްޔާ ރަޖިސްޓްރީވެފައިވާ ކައުންސިލްތަކަށެވެ. އެގޮތުން، މިހާރު ކޮމިޓީއަށް 8 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މިހާތަނަށް އިންތިޚާބުކޮށްފައިވާ މެންބަރުން:

- ޗެއަރޕާސަން: މުޙައްމަދު ބަޝީރު، ނ. އަތޮޅު ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: މުޙައްމަދު ޢާތިފް، ކުޅުދުއްފުށި ސިޓީ މޭޔަރ
- ބޯޑު މެންބަރު: އަހުމަދު އަފްރާޙް، ބ. އަތޮޅު ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: އިސްލާޢީލް ޢަލީ، ލ. އަތޮޅު ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: މޫސާ ޝަފީޤް، ހއ. އަތޮޅު ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: މުޙައްމަދު ރަޢޫފް، ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: ހުސައިން ޝާފިޢު، ބ. ކިހާދޫ ކައުންސިލްގެ ރައީސް
- ބޯޑު މެންބަރު: އަބްދުއްޞައްތާރު ހަސަން، ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް

ސިޓީ ކައުންސިލްތަކުން އިތުރު އެއް މެންބަރަކު މި ޖަމްޢިއްޔާއަށް އިންތިޚާބުކުރަންޖެހޭތީ މިހާރުވަނީ އެ ފުރުސަތު އަލުން ހުޅުވާލާފައެވެ. އެގޮތުން، މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހިންގާ ކޮމިޓީގެ މެންބަރަކަށްވުމަށް އެދި ހުށަހަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެލްސީއޭއިން ބުންޏެވެ.