ޚަބަރު

ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް އެހީވާން ތައްޔާރު: ލިތުއޭނިޔާ ސަފީރު


  • އައިޓީސީ ދާއިރާއަކީ ދެ ޤައުމުގެ ގުޅުން އެންމެ ބޮަޑަށް ބަދަހިކުރުމަށް ފުރުސަތު އޮތް ދާއިރާ

  • ލިތުއޭނިޔާއަކީ ސައިބަރ ސެކިއުރިޓީގެ ޤާބިލުކަން އެންމެ ކުރިއަރާފައިވާ އެއް ޤައުމު

ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާއާއެކު މަސައްކަތް ޝައުޤުވެރިކަން ލިތުއޭނިޔާ ސަރުކާރުން ފާޅުކޮށްފިއެވެ.

ލިތުއޭނިޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑަޔަނާ މިކެވިޗިއެނޭ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އައިޓީސީ ދާއިރާއަކީ ދެ ޤައުމުގެ ގުޅުން އެންމެ ބޮަޑަށް ބަދަހިކުރުމަށް ފުރުސަތު އޮތް ދާއިރާ ކަމަށެވެ.

ލިތުއޭނިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިއްޔެ އަރުވާފައެވެ. އެއަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ލިތުއޭނިޔާ ސަފީރު ޑަޔަނާ މިކެވިޗިއެނޭ ވިދާލުވީ ރާއްޖޭގައި އަލަށް ޤާއިމްކުރި ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާއާ ގުޅިގެން މަޝްވަރާކޮށް އެ ޤައުމުގެ ތަޖުރިބާއާއި ޤާބިލްކަން ފޯރުކޮށްދެވޭނެ ގޮތްތައް ބައްލަވާނެކަމަށެވެ. އަދި އެދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޯށްދިނުމުގެ ޝަޢުގުވެރިކަން އެބަހުރިކަމަށް އެކަމަނާ ވިދާޅުވިއެވެ.

ލިތުއޭނިޔާއަކީ ސައިބަރ ސެކިއުރިޓީގެ ޤާބިލުކަން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އެގޮތުން އެ ޤައުމަކީ ސައިބަރ ސެކިއުރިޓީ އިންޑެކްސް ލިސްޓްގެ 6 ވަނަގައި ހިމެނޭ ޤައުމެވެ.

ލިތުއޭނިޔާގެ ސަރުކާރާ ރާއްޖެއާ ކުރިންވެސް ގުޅުން އޮތްކަން ފާހަގަކުރައްވާ އައު ސަފީރު ވަނީ އެގުޅުން އިތުރަށް ބަދަހިކުރުމުގެ އިޚްލާޞްތެރިކަމާއި ޝައުޤުވެރިކަން އެބަހުރިކަމަށެވެ. އެ ޤައުމުން ރާއްޖެއަށް ސަފީރަކު އައްޔަން ކުރެއްވުމުން ދެ ޤައުމުގެ ވިޔަފާރި އާއި އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް ސިޔާސީ މަޝްވަރާތައް ކޮށްފިން ރާއްޖެއާއެކު، ވަރަށް ގިނަ ކަންކަމުގައި ރާއްޖެއާއެކު މަސައްކަތް ކޮށްފައިވެސް ވާނެ. މޫސުމަށް އަންނަ ބަދަލުތައް ފަދަ ބައިނަލްއަޤްވާމީ އަދި މުހިންމު މަލްޓިލޭޓަރަލް ކަންތައްތައް ހިމެނޭ. ވިޔަފާރީގެ ދާއިރާއިން ވަރަށް ގިނަ ފުރުޞަތުތައް އެބަހުރި" ޑަޔަނާ މިކެވިޗިއެނޭ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ލިތުއޭނިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރު ޑިސެންބަރު މަހުގެ 02 ވަނަ ދުވަހުގައެވެ.

ލިތުއޭނިޔާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ލިތުއޭނިޔާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ. މިއީ ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.