ޚަބަރު

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާވާނެ: ވަޒީރު އާދަމް ޝަރީފް


  • ކައުންސިލަރުން ތިބޭ އަދަދަށް ގެންނަ ބަދަލުތަކަކީ މުހިންމު ބަދަލެއް

  • މެމްބަރުންގެ އަދަދު މަދު ކުރުމަކީ އައުކަމެއް ނޫން

ލާމަރުކަޒީ ނިޒާމު އިޞްލާހު ކުރުމމަށް ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުތައް ތަންފިޒްވުމުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާވާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމު އިޞްލާހުކުރުމަށް މުހިންމު ސިޔާސަތުތަކެއް އިޢުލާންކުރައްވާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ ޢަދަދު މަދުކޮށް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މަދު އާބާދީ ހިމެނޭ ރަށްރަށް އިންތިޚާބުކުރާނީ ރައީސަކާއި ނައިބު ރައީސެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށްރަށް ކައުންސިލަރުން ކަނޑައަޅާނެ ޢަދަދާ ގުޅޭ އިޞްލާހު ޤާނޫނަށް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ރައްޔިތުން ޝާމިލުވާގޮތަށް އަދިވެސް ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކައުންސިލްތައް ހިންގުމަށް ކައުންސިލަރުން ތިބޭ އަދަދަށް ގެންނަ ބަދަލުތަކަކީ މުހިންމު ބަދަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ވާހަކަފުޅަށް އަޅުގަނޑު ވިސްނިއިރު އެކި ކޮމެޓީތަކާއި އެހެން ބައިތައް ލާމަރުކަޒީ ނިޒާމު އިޞްލާހު ކުރާއިރު އޭގެ ތެރެއަށް ވަންނާނެ ކަމަށް އަޅުގަނޑު މި ބަލަނީ. ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާތައް އިތުރުވުމަށްޓަކައި. ކައުންސިލްތައް ހިންގުން ހަރުދާނެވެ، ކައުންސިލްތަކުން ކުރާ ޚަރަދުގެ ބޮޑުބައި އެހެން ޕްރޮޖެކްޓްތަކަށް ކަނޑައެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

މެމްބަރުންގެ އަދަދު މަދު ކުރުމަކީ އައުކަމެއް ނޫންކަމަށާއި، މީގެ ކުރިން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ކައުންސިލަރުންގެ އަދަދަށް ބަދަލު ގެންނެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލަރުންގެ އަދަދަށް ބަދަލު ގެނައުމުގެ ސަބަބުން ކައުންސިލްތަކުން ދޭ ހިދުމަތް ދަށްވެފައިނުވާ ކަމަށެވެ.

"ސުވާލު ކުރަންޖެހޭ ކަމެއް އެއީ 5 ކައުންސިލަރުން ބޭނުންވޭތޯ؟ މެމްބަރުންގެ އަދަދު މަދުވިޔަސް ކޮމިޓީތައް އެކުލެވިގެންދިޔުމުން ޤާބިލް ސިކުނޑިތަކުން ލަފަޔާއި އިރުޝާދު ދިނުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.


ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކާއި، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން، ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައިނޫންކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށެވެ.

ލާމަރުކަޒީ ނިޒާމަށްއެއްވެސް ލޮޅުމެއް އަންނާނެކަމެއް އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.