ކުޅިވަރު

އެމްބާޕޭގެ މާސްކް އެޅުމުން ރަނގަޅަށް ނުފެންނަ ކަމަށް ކޯލޯ މުއާނީ ބުނެފި


ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ބޭނުންކުރަމުން އަންނަ ޕްރޮޓެކްޓިވް މާސްކް އަޅައިގެން ކުޅުމުގައި ދަތިތަކެއް އެބަހުރިކަމަށް އެ ޓީމުގެ ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ ބުނެފިއެވެ.

ކޯލޯ މުއާނީ މިހެން ބުނީ، ފްރާންސްގެ ޓްރެއިނިންގ ބޭސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާ އެ ޕްރޮޓެކްޓިވް މާސްކް އަޅާފައިވާ ކަމަށާއި، އެ އަޅައިގެން އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ކޯލޯ މުއާނީ ބުންޏެވެ. އަދި އޭގެ ސަބަބުން އެމްބާޕޭ އަށް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ކޯލޯ މުއާނީ ވަނީ ބުނެފައެވެ.

"އެ އަޅައިގެން އެއްވެސް އެއްޗެއް ނުފެނޭ،" ކޯލޯ މުއާނީ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ޑިފެންޑަރު، ކެވިން ޑަންސޯގެ ކޮނޑުން ޖެހި އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިއުމުގެ ސަބަބުން ފްރާންސްގެ ދެވަނަ މެޗުގައި އޭނާ ނުކުޅެއެވެ.

އެއަށްފަހު އެމްބާޕޭ ފެނިގެންދިޔައީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށެވެ. އަނިޔާއަށްފަހު އެމްބާޕޭ އަޅައިގެން އުޅޭ ޕްރޮޓެކްޓިވް މާސްކް އާއެކު ފެނުނު މި މެޗުގައި އޭނާ ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައިދީފައެވެ. މިއީ މި މުބާރާތުގައި އެމްބާޕޭގެ ފަރާތުން ފެނުނު ހަމައެކަނި ގޯލަށްވާއިރު، މެޗުތަކުގައި އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނިގެން އުޅެނީ ވެސް ޕްރޮޓެކްޓިވް މާސްކްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޯލޯ މުއާނީ ދެއްކި ވާހަކައިގައި ވަނީ، އެމްބާޕޭގެ ލީޑަޝިޕް ހުނަރު ފާހަގަކޮށް އަދިވެސް މުބާރާތުގައި އޭނާ އަށް ތަފާތު ދެއްކިދާނެ ކަމަށް ބުނެފައެވެ.

"އެއީ އޭނާ އަށް އާ ކަމެއް ނޫން،"

"މެޗުތަކުގައި ޓީމު ގޮވައިގެން ކާމިޔާބީއާ ހަމައަށް ގެންދިއުމަކީ އޭނާ އަށް ލިބިފައިވާ ހާއްސަ ހުނަރެއް." ކޯލޯ މުއާނީ ބުންޏެވެ.

ކޯލޯ މުއާނީ ބުނީ، އެމްބާޕޭ އަބަދުވެސް ކުޅުންތެރިންނަށް އެކި ހިޔާލުތަކާ ނަސޭހަތްތައް ދޭ ކަމަށެވެ.

އެމްބާޕޭ އަށް ކުރިމަތިވެފައިވާ އުނދަގޫތަކާ އެކުގައި ވެސް ފްރާންސަށް މުބާރާތުގެ ތަށި ހޯދައިދިނުމަށް އެހީތެރިވެދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޯލޯ މުއާނީ ބުންޏެވެ.

އަދި، އެމްބާޕޭ އަށް ލަނޑުނުޖެހުނުނަމަވެސް އެހީވާން އެހެން ކުޅުންތެރިން ތިބޭނެ ކަމަށާއި، އޭނާ އަށް މުބާރާތް އަދިވެސް ނުނިމޭ ކަމަށް ފާހަގަކޮށް ކޯލޯ މުއާނީ ބުނީ، ނޭފަތް ފަޅައިގެން ގޮސްފައިވުން ފިޔަވައި އިތުރު ކަމެއް ނެތް ކަމަށެވެ. ފިޒިކަލީ އިތުރު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ކޯލޯ މުއާނީ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާސުން ސްޕެއިނާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.