ޚަބަރު

ލާމަރުކަޒީ ނިޒާމަށް ލޮޅުން އަންނާނެ އެއްވެސްކަމެއް ސަރުކާރުން ނުކުރާނެ: ޑރ. ޒުލްފާ


  • ކައުންސިލަރުންގެ ޢަދަދު މަދުކުރަން ސަރުކާރުން ވަނީ ނިންމާފައި

  • އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުން

ލާމަރުކަޒީ ނިޒާމަށްއެއްވެސް ލޮޅުމެއް އަންނާނެކަމެއް އެއްވެސްކަމެއް ސަރުކާރުން ނުކުރާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ އެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވާނެ މުހިންމު މަސައްކަތްތަކެއްކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮތްގޮތުން ގިނަ ޢަދަދެއްގެ ކައުންސިލަރުން ތިބެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވެނީ މަދު ކަންތައްތަކެއްކަމަށެވެ. ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެވުނުނަމަވެސް ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުން ހޯދާ ނުދެވޭނަމަ މި ނިޒާމުގައި މައްސަލަތަކެއް އެބަހުރިކަމަށް ޒުލްފާ ވިދާޅުވިއެވެ.

"1000 މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީގައިވެސް ކައުންސިލްގަ 30 މުވައްޒަފުން އެބަ އުޅޭ. ނަމަވެސް ޤާނޫނު އާސާސީގައި އޮންނަ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ވަރަށް މަދު ކަމެއް ކުރެވިފައި އޮންނަނީ. އެހާ ބޮޑު ޚަރަދެއް ދައުލަތުން ކުރުމަށްފަހު ރައްޔިތުންނަށް އެ ދުޅަހެޔޮ ދިރިއުޅުން ހޯދާ ނުދެވެންޏާ އެއީ މައްސަލައެއް. އެ ޚަރަދުތައް އެ ކުރައްވަނީ އެންމެ ރަނގަޅު ގޮތުގައިތޯ ކުރައްވާ ސުވާލަކީ ވަރަށް ރަނގަޅު ސުވާލެއް އަޅުގަނޑުގެ ނަޒަރުގައި." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު މަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް ތާޢީދުކުރައްވާކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ކުރައްވާ މުހިންމު މަސައްކަތްޕުޅެއްގެ ގޮތުގައި ސިފަކުރައްވާ ޑރ. ޒުލްފާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އެއްވެސް ލޮޅުމެއް އަންނަކަމެއް ސަރުކާރުން ނުކުރައްވާނެކަމަށެވެ. ލާމަރުކަޒީ ނިޒާމު އެއް ހަރުފަތުން އަނެއް ހަރުފަތަށް ގެންދިޔުމަކީ ޤާނޫނު އަސާސީގައި އޮންނަ ދުޅަހެޔޮ ދިރިއުޅުން ރައްޔިތުންނަށް ގާތުންލިބިދޭނެކަމެއްކަމަށް އެލްޖީއޯގެ ސީއީއޯ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކާއި، ތަރައްޤީއާއި ލޭންޑް ޔޫސް ޕްލޭން އަދި ކަންކަން ހާސިލްވާ މިންވަރު އެލްޖީއޭގެ ތެރެއިން ބަލަމުންދާކަން ފާހަގަކުރައްވާ ޑރ. ޒުލްފާ ވިދާޅުވީ، އެކަންތައްތައް ހާސިލްވާ މިންވަރު ރަނގަޅު ކުރައްވަން ބޭނުންފުޅުވާކަމަށެވެ.

ޑރ. ޒުލްފާ ވިދާޅުވީ ކައުންސިލްތަކުން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް 5 ކައުންސިލަރުން ތިއްބަވާ ރަށެއްގައި ރައީސަކާއި ނައިބުރައީސްއަކު ހޮއްވެވުމަށްފަހު ކައުންސިލަށް ލަފާ ދެއްވާ ބޭފުޅުން ބޭތިއްބެވިދާނެކަމަށެވެ. އެގޮތުން ސްކޫލް، ހޮސްޕިޓަލާއި އިޖުތިމާއީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކައުންސިލްގެ ކޮންމެ ޖަލްސާއަކަށް އެބޭފުޅުން ވަޑައިގެންނެވުމަށްފަހު، އެ ރަށެއްގެ ކަންކަން ކުރައްވަން ވީ ގޮތުގެ ލަފާ ދެއްވުމުން ކައުންސިލްގެ މުވައްޒަފުން އެ އަމާޒަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ޒުލްފާ ފާހަގަކުރެއްވިއެވެ.

"ޚަރަދު ވެސް އެހާ ނުހިނގާނެ އަދި މި ދަންނަވާ ދުޅަހެޔޮ ދިރިއުޅުން ރައްޔިތުންނަށް ހޯއްދައިދެއްވަން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވޭނެ. އެގޮތަށް މޮޑެލްތައް ބައްލަވާ، އެ މޮޑެލްތައް ރިވިއު ކުރައްވާނެ ވާހަކަ ރައީސް އެ ވިދާޅުވީ. ނިޒާމު ހަނިކޮށް ނިޒާމު ނައްތާލައްވަވާ ވާހަކައެއް ނޫން އެއްވެސް ގޮތަކަށް" އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ ވިދާޅުވިއެވެ.

ރަށްތަކުގައި ކައުންސިލްތައް އޮންނައިރު ރައްޔިތުންނާ ގާތުން ޚިދުމަތް މިހާރުވެސް ދެވޭކަމަށް ވިދާޅުވެ ޑރ. ޒުލްފާ ވަނީ ކައުންސިލްތަކުގެ އިތުރު ފަށަލައެއްގެގޮތުގައި އަތޮޅު ކައުންސިލްތައް އޮތްކަން ފާހަގަކުރައްވާފައެވެ. އެހެންވުމުގެ ސަބަބުން ބައެއް ހަރަކާތްތައް ތަކުރާރުވެގެންދާ ކަމަށާއި ރަށުގެ ކަންތައްތައް ނިމިގެންދާ ގޮތާއި މެދު އަތޮޅު ކައުންސިލުންވެސް ގޮތްކިޔާކަމަށެވެ.

މީގެއިތުރުން މަރުކަޒީ ސަރުކާރާމެދު ލާމަރުކަޒީ ސަރުކާރާ މެދު ގޮތް ކިޔާނެ އިތުރު ބަޔަކު ތިބުމުން ޚިޔާލު ތަފާތުވެ އިތުރު ޚަރަދުތަކެއް ހިނގާ ކަމަށް ޑރ. ޒުލްފާ ވިދާޅުވިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދައުރު އަތޮޅު ކައުންސިލްގެ ތެރޭގައި ހިމެނޭ ކަހަލަ ގޮތަކަށް މަސައްކަތް ބައްޓަންވެގެންދާނެ ކަމަށް ބެލެވޭ ކަަމަށް ވިދާޅުވިއެވެ.

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައިނޫންކަމަށް ކަމަށާއި، އަތޮޅު ކައުންސިލް އެކުލަވާލާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުން މުހިންމުކަމަށްވެސް ޑރ. ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކޮށްގެން އަތޮޅުތަކުގައި އެކި މަޝްރޫޢުތައް ހިންގާއިރު ރަށު ނުވަތަ އަތޮޅު ފެންވަރުގައި އެކަންކަން ބެލޭނެ އިންތިޒާމެއް ނެތް ކަމަށެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އުފެދުނީ ދާދިފަހުންކަން ފާހަގަކުރައްވާ ޑރ. ޒުލްފާ ވިދާޅުވީ އެ ވުޒާރާގެ ދައުރު ފުޅާކުރެއްވުމަށްފަހު، ކައުންސިލްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތައް މޮނީޓަރކޮށް އަވަސް ގޮތުގައި ހިންގާތޯ މިހާރު ބަލަމުންދާކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އަތޮޅު ކައުންސިލްތައް އިތުރަށް ހަރަކާތްތެރި ކުރުން ކަމަށް ޑރ. ޒުލްފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އިޞްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށައެޅުއްވުމަށް އެމްޑީޕީން ވަނީ ފާޑުކިޔާފައެވެ. ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން އިޢުލާންކުރައްވާފައިވާ ބަދަލުތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި އެ ނިޒާމުގެ ބާރު ކަނޑުވާލަން އެއްބަސް ނުވެވޭކަމަށެވެ. އަދި ގެނަންއުޅޭ ބަދަލަކީ ރަނގަޅު ބަދަލެއް ނޫންކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.