ޚަބަރު

މިއަދަކީ، ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދުވަސް


މިއަދަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހެވެ.

މިއަދުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ މުއާޞަލާތީ ޖަމްޢިއްޔާ، އައި.ޓީ.ޔޫ އިން ކަނޑައަޅާފައިވާ ޝިޢާރަކީ، ޓެލެކޮމިއުނިކޭޝަނާއި މުއާޞަލާތީ ޓެކެނޮލޮޖީގެ އުފެއްދުންތެރިކަމުން އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.

ޓެލެކޮމިޝަންގެ ކުރިއަރާފައިވާ، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ދުރުމިންތައް މިހާރު ވަނީ ގާތްކުރެވިފައެވެ. ޓެލެކޮމިޔުނިކޭޝަން ދާއިރާއިން ރާއްޖެ ވަނީ ކުރިއެރުންތަކެއް ޙާޞިލްކޮށްފައެވެ. ރާއްޖޭގައި އުޅޭ އެންމެނަށްވެސް ވަނީ ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅާލުމުގެ ފުރުޞަތު ތަނަވަސްވެފައެވެ.

ރާއްޖެއަކީ މުއާޞަލާތުގެ ޒަމާނީ އެންމެ މައިގަނޑު ހުރިހާ ޚިދުމަތެއް ޤާއިމްކުރެވި، ރާއްޖޭގެ އެންމެންނަށް އެ ޚިދުމަތް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޤައުމެކެވެ. މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވަނީ ފޯރުކޮށްދޭން ފެށިފައެވެ.

ރާއްޖެއަށް އިންޓަރނެޓްގެ ޚިދުމަތް ތަޢާރުފްކޮށްފައިވަނީ 1996 ގައެވެ. މޯބައިލް ފޯންގެ ޚިދުމަތް ތަޢާރަފުކުރީ 1997 ވަނަ އަހަރުގައެވެ. ރާއްޖެއަކީ ކުރު މުއްދަތެއްގެ ތެރޭގައި، މުއާޞަލާތުގެ ޒަމާނީ ޚިދުމަތް ޢާންމުކުރެވުނު އެއްޤައުމެވެ.

ތާރީޚަށް ބަލާއިރު ނުވަދިހައިގެ އަހަރުތަކާ ހަމައަށް އައިއިރުވެސް ދިވެހިރާއްޖޭގައި މުޢާޞަލާތުކުރެވޭ އެންމެ ފަސޭހަ ވަޞީލަތަކީ، ރޭޑިއޯ ޓެލެފޯން ސެޓާއި ވޯކީޓޯކީ ސެޓާއި މާލެއަށް ޢާންމުކޮށް ލިބެމުން އައި ލޭންޑް ލައިން ޓެލެފޯނުގެ ޚިދުމަތެވެ.

1962 ގައި ދޭން ފެށުނު ރޭޑިއޯ ޚިދުމަތާއި 1978 ގައި ފެށުނު ޓީވީ ޚިދުމަތަކީ ދޭދޭ މުޢާމަލާތުގެ ޚިދުމަތަކަށް ނުވުމާއެކު ޢާންމުން މުޢާމަލާތުކުރުމުގެ މުއާޞަލާތީ ވަޞީލަތަކީ ޕޯސްޓާއި އުޅަނދުފަހަރުގައި މީހުންނާ ޙަވާލުކޮށް ބަދަލުކުރެވޭ ސިޓީ ފަދަ ވަޞީލަތްތަކެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކާ އަޅާބަލާއިރު، ޓެލެކޮމިޔުނިކޭޝަންގެ ތަރައްޤީގައި ރާއްޖެ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖޭގައި ފޯނު ބޭނުންކުރާ ނިސްބަތް ވަނީ 99 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ، މިސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެ މަތީ އަދަދެކެވެ. ރާއްޖެއަކީ، މިސަޙަރައްދުގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތައަށް ޓެލެކޮމިޔުނިކޭޝަން ޚިދުމަތް ލިބެން އޮތް ހަމައެކަނި ޤައުމެވެ.

ރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް ދިނުމަށް 3 އޮޕަރޭޓަރުން ދަނީ، ޙަރަކާތްތެރިވަމުންނެވެ. އެއީ، 1988 އިން ފެށިގެން ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް ދެމުންގެންދާ ދިރާގާއި، 2003 ގެ މެއި މަހު ދެވަނަ އިންޓަރނެޓް ސަރވިސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށް، މިޚިދުމަތް ދެމުންގެންދާ ފޯކަސް އިންފޮކޮމް ޕްރައިވެޓް ލިމިޓެޑާއި 2005ވަނަ އަހަރު މޯބައިލް އޮޕަރޭޓަރގެ ލައިސަންސް ދީފައިވާ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ނުވަތަ މިހާރުގެ އުރީދޫ މޯލްޑިވްސްއެވެ. މީގެތެރެއިން އިންޓަރނެޓާއި މޯބައިލް ފޯނުގެ ޚިދުމަތް ވާދަވެރިކަމަށް ހުޅުވާލިނަމަވެސް ފިކްސްޑްލައިންގެ ޚިދުމަތް ދެމުންދަނީ ހަމައެކަނި ދިރާގުންނެވެ.

ޓެލެކޮމިޔުނިކޭޝަން ޚިދުމަތްތައް ޚާއްޞަކޮށް މޯބައިލް ޚިދުމަތް ވަނީ މުޅިރާއްޖެއަށް ފެތުރިފައެވެ. ރާއްޖޭގައި ދޭ ބައިނަލްއަޤްވާމީ މުއާސަލާތުގެ ޚިދުމަތްތައް ފުޅާކޮށް، ކުރިއެރުވުމަށާއި އައިސީޓިގެ ދާއިރާއިން މިހާރު ކުރެވެން ނެތް ބައެއް ކަންތައްތަކަށް މަގުފަހިކުރުމަށްޓަކައި ސަބްމެރިން އޮޕްޓިކަލް ފައިބަރުގެ ދާއިރާއިން ރާއްޖެ އަދި ބޭރުގެ އެފަދަ ވިއުގަތަކާ ގުޅާލުމަށް 2005 ވަނަ އަހަރު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއާއި ދުނިޔެއާއި ދެމެދު ތަފާތު ދެ ކޭބަލަކުން ވަނީ ގުޅާލާފައެވެ.

ދުނިޔޭގައި މުއާޞަލާތީ ކަންތައްތައް ވިލަރެސްކުރުމަށްޓަކައި 1865 ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހު އުފެދުނު ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ)ގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ، 1967 ވަނަ އަހަރުގައެވެ.