ޚަބަރު

ރާއްޖެއަށް ބުރަ ނުއުފުލޭވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެ: ސަޢީދު


  • ދަރަނީގެ ސަބަބުން ވިޔަވާރިވެރިންނަށް މާލީ އެހީ ހޯދުމަށް ވަނީ ދަތިވެފައި

  • މިވަގުތު އިސްކަންދެނީ އިޤްތިޞާދު ރިފޯމް ކުރުމަށް

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދާނީ ރަނގަޅުވަމުންކަމަށާއި، ރާއްޖެއަށް ބުރަ ނުއުފުލޭނެވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ރޭޓިން ބީ-ޕްލަސްއިން ސީ.ސީ.ސީ-މައިނަސްއަށް ދާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ބެލުމެއް ނެތި ނެގި ދަރަނިތައްކަމަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދީ ރޭޓިން ދަށްވެގެންދާން މިސަރުކާރުން ކުރީ ކީއްތޯ ސުވާލުކުރައްވާފައެވެ. ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިން މިއަދު ތިބި ދަތި ޙާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުންކަމަށެވެ.

ސަޢީދު ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ ރިފޯމް މަސައްކަތުގައި އިސްކަމެއް ދެއްވާނީ، ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށްކަމަށެވެ. އެހެންނަމަވެސް މިވަގުތަކީ ޢިޤްތިޞާދީ ތަރައްޤީއަށް ލޯނާ ދަރަނި ނެގޭ ޙާލަތުގައި އޮތް ވަގުތެއް ނޫންކަމަށާއި، އެންމެ އިސްކަމެއް ދެއްވައިގެން މިވަގުތު ކުރަމުންދާ މަސައްކަތަކީ ބޭރުގެ މާލީ އިދާރާތަކަށް މިވަގުތަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު އަދި 1 ބިލިއަން ޑޮލަރުގެ ދަނަރި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ނާންނާނެގޮތަށް އަދި ވިޔަފާރިވެރިންނަށް ހުރަހެއް ނާންނޭގޮތަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ ދާނީ އިޤްތިޞާދީގޮތުން ކުރިއަށްކަމަށެވެ. އެގޮތުން ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި، ވަޢުދުތައްވެސް ދާނީ ފުއްދަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން މި ރާއްޖެއަކުން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން. ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި. އޭރުން ވިޔަފާރިތައް އިތުރުވެ ވަންނަ އާމްދަނީ އިތުވެ، އިޤްތިޞާދީ ބުރަ ކުޑަވާނެ." އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން، ބޭރުގެ ޑިވެލޮޕްމަންޓް ބޭންކްތަކުން ރާއްޖެއަށް ފައިނޭނެސް ލިބުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މާލީ ޖަމިއްޔާތަކަށް ރާއްޖޭގެ ޙާލަތު ބުނެދެމުންދާކަމަށާއި، ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، މި ޙާލަތުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށްވެސް މިހާރު އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ނިމުނު ދައުރުގައި 4 އަހަރު ފާއިތުވިއިރު، އޭގެކުރީގެ ވެރިކަމުގެ 40އަހަރާ ނުބައްދަލު ދަރަނި ވަނީ ނަގާފައެވެ. 5 އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އެރިއެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާވެސް ވަނީ ޗާޕުކޮށްފައިކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައެވެ. އަދި އިޤްތިޞާދު ރިފޯމްކުރުމުގެ މުހިންމު ނިންމެވުންތައް ވަނީ ނިންމަވާފައެވެ.