ޚަބަރު

ފައިނަލުގައި ނެދަލެންޑްސް ކުޅެން ބޭނުންވަނީ ސްޕެއިނާ ދެކޮޅަށް: ކޫމަން


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ރޭ ތުރުކީ އަތުން 1-2 އިން މޮޅުވި މެޗަށްފަހު، ދެއްކި ވާހަކައިގައި ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ވަނީ، ކުރިއަށް އޮތް މެޗު ވެގެންދާނީ ވަރުގަދަ ބޮޑު ދެ ގައުމުގެ ކުރިމަތިލުމެއްގެ ގޮތުގައި ކަމަށާއި، ފައިނަލަށް ދަތުރުކުރެވިއްޖެނަމަ ބޮޑަށް ކުޅެން ބޭނުންވަނީ ސްޕެއިނާ ދެކޮޅަށް ކަމަށް ބުނެފައެވެ. އެއީ ފްރާންސާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅެފައިވާތީވެ ކަމަށާއި، އެކަމަކު އޭގެކުރީން ސެމީ އަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށް ކޫމަން ބުންޏެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރެވުމަކީ މުޅި ގައުމަށް ވެސް ވަރަށް ހާއްސަވެގެންދާ ކަމެއް ކަމަށާއި، ނެދަލެންޑްސް ފަދަ ކުޑަ ގައުމަކުން އިންގްލެންޑާއި، ފްރާންސް އަދި ސްޕެއިން ފަދަ ޓީމުތަކާއެކު ސެމީގައި ވާދަކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. ތުރުކީއާ ދެކޮޅަށް ގިނަ އުނދަގޫތައް އޭނާގެ ޓީމުން ތަހައްމަލުކޮށްފައިވާ ކަމަށާއި، މުބާރާތުގައި ފަސޭހަ މެޗެއް ނޯންނާނެ ކަމަށެވެ.

ދެވަނަ ހާފުގައި ނެދަލެންޑްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އުނދަގޫތައް ކުރިމަތިވިނަމަވެސް ނަތީޖާ ބޭނުންވާ ގޮތަށް އެނބުރާލައި ސެމީ އަށް ދަތުރުކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.

މުބާރާތުގައި ކުޑަ ގައުމެއް ނެތްކަން ރޭގެ މެޗުން ފެނިގެންގޮސްފައިވާ ކަމަށާއި، ވީއެންމެ ބުރަކޮށް މަސައްކަތްކޮށް، ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެ ކަމަށް ކޫމަން ބުންޏެވެ. އަދި މެޗުގައި ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ދައްކައި، ނެދަލެންޑްސް ޓީމަށް އުނދަގޫތައް ކުރިމަތިކޮށްފައިވާ ކަމަށާއި، އޭނާގެ ޓީމުން މެޗުގައި ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށް ވެސް ކޫމަންގެ ވާހަކައިގައި ފާހަގަކުރިއެވެ.

ދެން އޮތް މެޗުގައި ނެދަލެންޑްސް އިން ވާދަކުރަންޖެހޭ އިންގްލެންޑުން ކުޅުނު ދެ މެޗުވެސް އިތުރުވަގުތަށް ދެމިގެންދިއުމާ ގުޅޭގޮތުން ކޫމަން ބުނީ، އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި، މޮޅުވެއްޖެނަމަ އެކަމުގެ ރަނގަޅު އިހުސާސްކުރެވޭނެ ކަމަށެވެ. އިންގްލެންޑެކޭ އެއްގޮތަށް ނެދަލެންޑްސް ޓީމުން ވެސް ރިކަވާ ވާންޖެހޭ ކަމަށާއި، ދެ ޓީމުގެ ތަފާތަކަށްވާނީ ފިޒިކަލީ ކުޅުންތެރިން ތިބި ހާލަތު ނޫން ކަމަށާއި، މެޗުގެ ކުރީން ދެ ޓީމުން ވެސް ދަތުރެއް ކުރަންޖެހޭ ކަމަށް ކޫމަން ފާހަގަކުރިއެވެ.

އަދި މުބާރާތުގެ ސެމީ ފައިނަލްގައި ދެ ޓީމު ބައްދަލުކުރާ މެޗުގެ ނަތީޖާ ކަނޑައެޅިގެންދާނީ ފިޒިކަލީ ކުޅުންތެރިން ތިބޭ ހާލަތުން ނޫން ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.

ސެމީގައި އިންގްލެންޑްއާ ނެދަލެންޑްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވާ ބުދަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.