ޚަބަރު

އެނބުރި ޤައުމަށް ދިއުން ހައްގެއް ނޫން، އެކަމަކު ފަޚުރުވެރިވާންޖެހޭ: ޔަކީން


"
މި މެޗުގައި އަހަރެމެންނަށް ކުޅެވޭނެ އެންމެ ރަނގަޅަށް ކުޅުނިން، ނަތީޖާއާ މެދު ހިތްހަމަޖެހިލެވެން އެބައޮތް.
ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ރޭ ޕެނަލްޓީޖަހައިގެން އިންގްލެންޑް އަތުން ބަލިވި މެޗަށްފަހު ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ބުނީ، އިންގްލެންޑަށް މާގިނަ ފުރުޞަތުތަކެއް ނުލިބޭ ކަމަށާއި، ސްވިޓްޒަލޭންޑަށް މަދުނަމަވެސް، ފުރުޞަތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި، އޭނާގެ ޓީމުން އެނބުރި ގައުމަށްދިއުން ހައްގު ނޫން ކަމަށާއި، އެކަމަކު މުބާރާތުގައި ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާން ޖެހޭ ކަމަށް ޔަކީން ފާހަގަކުރިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔަކީން ބުނީ، މެޗުގައި ކަންތައް ހިނގައިދިޔަ ގޮތުން އޭނާގެ ކުޅުންތެރިންނަށާއި ގައުމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތްކޮށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިން،" ޔަކީން ބުންޏެވެ.

ޔަކީން ބުނީ، އިންގްލެންޑާ ދެކޮޅަށް ސްވިޓްޒަލޭންޑުން ކުރެވެން އޮތް އެންމެ ރަނގަޅަށް މަސައްކަތްކޮށް ވީ އެންމެ ރަނގަޅަށް ކުޅެފައިވާ ކަމަށާއި، ނަތީޖާއާ މެދު ހިތްހަމަޖެހިލެވެން އެބައޮތް ކަމަށެވެ.

ސްވިޓްޒަލޭންޑް ޓީމަށް މުބާރާތާ އަލްވަދާއު ކިޔަންޖެހުނީ އިންގްލެންޑާ ދެކޮޅަށް ކުރި މަސައްކަތްތައް ނުފުދުނީމަ ކަމަށާއި، ޕެނަލްޓީ ޝޫޓްއައުޓް އަކީ ނަސީބާއެކީ ކާމިޔާބުކުރެވޭ އެއްޗަކަށްވުމާއެކު މެޗުން މޮޅުނުވެވުނީ އޭނާގެ ޓީމުގެ ނަސީބުވެސް ނެތުމުން ކަމަށް ޔަކީން ބުންޏެވެ.

ނިންމާލަމުން ޔަކީން ބުނީ، ސްވިޓްޒަލޭންޑުން މުބާރާތުން ކެޓިޔަސް ހުރިހާ މެޗެއްގެ ފުރިހަމަވަގުތު ނިންމާލީ ބަލިނުވެ ކަމަށާއި، މިއީ ވަރަށް ބޮޑަށް އެ ޓީމުން ފަޚުރުވެރިވާންޖެހޭނެ ކަމެއް ކަމަށެވެ.