ރާއްޖެއަށް ބިދޭސީން އެތެރެކުރާ އޭޖެންސީތައް ރޭންކްކޮށް ރަނގަޅު ނިޒާމެއްގެ ތެރެއިން ބިދޭސީން އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންދަނީ ވަށައިޖެހޭ ހައްލަކާ ދިމާއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަމުންދެއެވެ. ދިވެހި ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވަމުންދާ ބިދޭސީން ހުއްޓުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރެވޭނީ މިކަމުގައި ހުރި ހުރިހައި މައްސަލަތަކަކަށް އެއްފަހަރާ ހައްލެއް ގެނެސްގެންކަމަށެވެ. އެގޮތުން ރާއްޖެއަށް އަންނަ ބިދޭސީންގެ ކަންކަން ރަނގަޅުކުރުމަށް އެމީހުން އެތެރެކުރާ އޭޖެންސީތައް ހަރުދަނާކުރުމަކީވެސް މުހިންމުކަމެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިހާރު މަސައްކަތްކުރަމުންދާ އެއްކަމަކީ ރާއްޖެއަށް ބިދޭސީން ގެންނަ އޭޖެންސީތައް ރޭންކް ކުރުމަށް އޭނާ ވިދާޅުވިއެވެ. ޚިދުމަތް ދިނުމުގައި އެންމެ ނަޒާޙާތްތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ ރަނގަޅު ނިޒާމެއްގެ ތެރެއިން އޭޖެންސީ ހިންގާ ފަރާތްތައް ރޭންކްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އަޝްރަފް ވިދާޅުވެއެވެ. މިއާއެކު ބިދޭސީން އެތެރެކުރުމަށް އެންމެ ރަނގަޅު ޓިއަރ ރޭންކްގައި ހުންނަ އޭޖެންސީތައް މެދުވެރިކޮށް މީހުން އެތެރެކުރުމުގެ މަސައްކަތް ކުރުމުން އިތުބާރާއެކު އުސޫލުގެ ތެރެއިން މީހުން އެތެރެކުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ވިދާޅުވިއެވެ.
"މިހެން ހެދުމުން ކޮންމެ އޭޖެންސީއަކުންވެސް މަސައްކަތްކުރާނެ އެންމެ މަތީ ޓިއަރގައި އޮތުމަށް. އޭގެ ސަބަބުން އެބަ އިނގޭ ޢާއްމުންވެސް އަދި ވިޔަފާރިތަކަށްވެސް ކޮންބައެއްކަން މި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ދެނީ." އަޝްރަފް ވިދާޅުވިއެވެ.
އޭޖެންސީތައް މެދުވެރިވެގެން ބިދޭސީން ރާއްޖެއަށް ގެނެސް އެމީހުން މަގުމައްޗަށް ދޫކޮށްލުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސައްކަތް ކުރުމަށް ރާއްޖެއަށް ބޭރުމީހުން ގެނެވޭނީ ޤާނޫނު ތަންދޭ މަސައްކަތެއް ކުރުމަށް، ކަމަށް އެކަށީގެންވާ މީހުން އެކަންޏެވެ. އެހެންނަމަވެސް ވަކި ޚާއްސަ މަސައްކަތެއް ނެތިވެސް ބިދޭސީން އަމިއްލައަށް ބިދޭސީން އެތެރެކޮށްފައިވާކަން ފާހަގަވެފައިވެއެވެ. ބެލެނިވެރި ފަރާތެއްނެތް އެތައް ސަތޭކަ ބިދޭސީންނެއް ރާއްޖޭގައި އުޅޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.