ޚަބަރު

ކޮޕާ އެމެރިކާ: ޕެނަލްޓީ ޖަހައިގެން ވެނެޒުއެލާ ބަލިކޮށް، ކެނެޑާ ސެމީއަށް


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ވެނެޒުއެލާ ބަލިކޮށް، ކެނެޑާ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ކެނެޑާ އިން މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ކެނެޑާ އިން ކުރިހޯދީ 4-3 އިންނެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ އޭޓީއެންޑްޓީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗު ފެށީގެން ގިނަވަގުތު ބޯޅަ ގެންގުޅުނީ ވެނެޒުއެލާއިން ކަމަށް ވީ ނަމަވެސް މި މެޗުގައި ކުރީން ލީޑްނެގީ ކެނެޑާ އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކެނެޑާ އަށް މި ލަނޑުޖަހައިދިނީ ޖޭކޮބް ޝަފެލްބާގް އެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ކެނެޑާ ކުރީގަ އޮވެގެންނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ވެނެޒުއެލާ އިން އެއްވަރުކުރީ ސަލޮމަން ރޮންޑޯން ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖޯން އަރަމްބުރޫ އެވެ. މި ނަތީޖާގައި އޮވެ، މެޗުގެ ފުރިހަމަވަގުތު ހަމަވުމުން ދެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އަށް ދާށެވެ.

ޕެނަލްޓީގައި ދެ ޓީމުން އެންމެ ފުރަތަމަ ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. ކެނެޑާ ސެމީ އަށް ގެންގޮސްދިނުމަށް މެޗުގެ ހަވަނަ ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ކޯނޭ އެވެ. ވެނެޒުއެލާ އިން ހަވަނަ އަށް ފޮނުވާލި ޕެނަލްޓީ ވިލްކާ އެންހެލް އަށް ކާމިޔާބުނުކުރެވުނެވެ.

ކޯނޭގެ އިތުރުން ކެނެޑާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ޖޮނަތަން ޑޭވިޑް، މޮއިސޭ ބޮމްބީޓޯ އާއި އަލްފޮންސޯ ޑޭވީސް އެވެ. އެ ޓީމަށް ނާކާމިޔާބުވީ ލިއާމް މިލާ އާއި ސްޓެފަން އެސްޓަކީއޯގެ ޕެނަލްޓީ އެވެ.

ވެނެޒުއެލާގެ ފޯވާޑް، ރޮންޑޯންގެ އިތުރުން ދެން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތޯމަސް ރިންކޮން އާއި ޖޮންޑާ ކަޑިޒް އެވެ. ވިލްކާ އެންހެލްގެ އިތުރުން އެ ޓީމަށް ނާކާމިޔާބުވީ، ޔަންގެލް ހެރޭރާ އާއި ޖެފާސަން ސަވަރީނޯގެ ޕެނަލްޓީއެވެ.

ސެމީގައި ކެނެޑާ ނިކުންނަންޖެހޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަންޖެހުނު އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ ދެކޮޅަށެވެ.