ޚަބަރު

ކުޅެންވާނީ އިތުބާރާއި، މަޑުމައިތިރިކަމާއެކު ޖަޒުބާތުތައް ކޮންޓްރޯލްކޮށްގެން: މޮންޓެލާ


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ނެދަލެންޑްސް ދެކޮޅަށް ނިކުތުމުގެ ކުރީން، ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، އޭނާގެ ޓީމުން ކުޅެން ވަނީ އިތުބާރާއި، މަޑުމައިތިރި ކަމާއެކު ޖަރުބާތުތައް ކޮންޓްރޯލްކޮށްގެން ތިބެގެން ކަމަށެވެ.

މޮންޓެލާ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ކުޅެންޖެހޭނީ އިތުބާރާއި، މަޑުމައިތިރިކަމާއެކު." މޮންޓެލާ ބުންޏެވެ.

ތުރުކީ އިން ބަލަންވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދިއުމަށް ކަމަށާއި، އެއަށްވުރެ ކުރިއަށް ނުވިސްނުމަށް މޮންޓެލާ ވަނީ ބުނެފައެވެ.

ތުރުކީ އަކީ މުބާރާތުގައި ވާދަކުރާ އެންމެ ހަގު ޓީމު ކަމަށާއި، މި ފެންވަރުގެ މުބާރާތެއްގައި ކުޅެފައިވާ މާގިނަ ކުޅުންތެރިންތަކެއް ނެތްކަން ފާހަގަކޮށް މޮންޓެލާ ބުނީ، ހުރިހާ ފޯކަސްއެއް އޮންނަންވަނީ މި މެޗު ކާމިޔާބުކުރުމަށް އެކަނި ކަމަށެވެ.

ކުރިއަށް އޮތް މެޗާ ބެހޭގޮތުން މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާ ތުރުކީގެ ޑިފެންޑަރު، ފާޑީ ކަޑިއޯގްލޫ ބުނީ، އޭނާ އަށް މި މެޗު ވަރަށް ހާއްސަވާ ކަމަށެވެ. އެގޮތުން، ކަޑިއޯގްލޫ ވަނީ، އޭނާގެ މަންމަ އަކީ ހޮލެންޑް މީހެއް ކަމަށާއި، ބައްޕަ އަކީ ތުރުކީ މީހަކަށް ވުމުން މެޗުގެ ހާއްސަކަން އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

އަދި މި މެޗުގައި ތުރުކީ އަށް ވަރަށް ބޮޑު ތަރުހީބަކާއި ސަޕޯޓެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށާއި، އަމިއްލަ ގައުމުގައި ކުޅޭ ފަދަ އިހުސާސްތަކެއް ކުރެވޭނެ ކަމަށް ކަޑިއޯގްލޫ ބުންޏެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ތުރުކީ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.