ޚަބަރު

އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެންހުރި އެއަރލައިނަކުން ޓިކެޓު ގަތުމަށް މާލީ ވުޒާރާއިން އަންގައިފި


  • މީގެކުރިން ޓިކެޓް ނަގަންޖެހެނީ މޯލްޑިއަން ހޮލިޑޭސްއިން

  • ނަމަވެސް މިހާރު ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓް ހޯދުމަށް ވަނީ އަންގާފައި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގެ އޮފީސްތަކުން ވައިގެމަގުން ކުރާ ދަތުރުތަކަށް ޓިކެޓްގަތުމުގެ އުސޫލަށް ބަދަލުގެނެސްފިއެވެ.

1 ޖަނަވަރީ 2016ވަނަ އަހަރު ނެރެފައިވާ ސަރކިއުލަރއެއްގައި ބަޔާންކޮށްފައި ވަނީ ވައިގެ މަގުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، ކުރަން ޖެހޭނީ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިވިޜަންކަމުގައިވާ މޯލްޑިއަން ހޮލިޑޭސްއިންކަމަށެވެ. ނަމަވެސް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވާ ނެރުއްވި މާލިއްޔަތާބެހޭ ސާރކިއުލަރގައި ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ އުސޫލު އުވާލާކަމަށް ބަޔާންކުރައްވާފައެވެ.

މިއާއެކު، މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް ފިޔަވައި އެހެނިހެން މަންޒިލްތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ސީދާ އެ އެއަރލައިންތަކުން އަގުތައް ބެލުމަށްފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއަރލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓް ހޯދުމަށް ނިންމާފައިވާ ކަމަށް މާލީ ވުޒާރާގެ ސަރކިއުލަރގައިވެއެވެ.

އަދި ޖުލައި 5 އިން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާއަކުން މި ސަރކިއުލަރއަށް އަމަލުކުރުމަށްވެސް މާލީ ވުޒާރާއިން ވަނީ އަންގަވާފައެވެ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ދަށްވުމާއި ގުޅިގެން، އެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ޚަރަދުތައް ކުޑަކުރުމާއި، ކުންފުނިތައް އިޞްލާހުކުރުންފަދަ ފިޔަވަޅުތައް ތަންފީޒްކުރަން ވަނީ ފަށްޓަވާފައެވެ.