ޚަބަރު

ޔޫރޯއިން ޖަރުމަނު ވަކިވެގެންދިއުން ހައްގެއް ނޫން: ނާގަލްސްމަން


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ރޭ ސްޕެއިން އަތުން 2-1 އިން ބަލިވި މެޗަށްފަހު ދެއްކި ވާހަކައިގައި ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ބުނީ، މެޗަށްފަހު އޭނާގެ ކުޅުންތެރިންގެ ގާތުގައި ޓީމު މުބާރާތުން ވަކިވެގެންދިއުމަށް ހައްގުނޫން ކަމަށް ބުނެފައިވާ ކަމަށާއި، ހުރިހާ އެންމެންގެ އާއިލާ މަތިން ވަރަށް ހަނދާންވިނަމަވެސް މިހާ ހިސާބުން އެނބުރި ގެއަށްދާން ބޭނުންނުވާ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާގަލްސްމަން ބުނީ، މިދިޔަ ހަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖަރުމަނު ޓީމުގެ މެދުގައި ރަނގަޅު މާހައުލެއް އުފެދިފައި އެބައޮތް ކަމަށާއި، އަދި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމަށް އެންމެންގެ ފަރާތުން ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށްފައިވާކަމަށެވެ.

ނާގަލްސްމަން ވަނީ، މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ މާބޮޑަށް އޯޕަންކޮށް ކަމަށް ފާހަގަކޮށް، އޭނާގެ ޓީމަށް މޮޅަށް ކުޅެވުނީ ފަހު ހާފުގައި ކަމަށާއި، އެގޮތުން މެޗުގެ 60 މިނެޓަށްފަހު ސްޕެއިނަށް ވުރެ މޮޅަށް ކުޅެފައިވަނީ ވެސް ޖަރުމަނު ކަމަށް ބުނެފައެވެ.

"މެޗުގެ ފުރަތަމަ ހާފުގައި ގޭމް ފެނުނީ މާ އޯޕަންކޮށް،" ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން އެއްވަރުކުރި ލަނޑުޖެހުމަށް އެ ޓީމަށް ހައްގު ކަމަށާއި، އަދި އޭނާގެ ޓީމު ކޮޅަށް ސްޕެއިން މޮޅުވި ލަނޑު، ވައްދާލި ލިބުނު އެންމެ ފަހު ފުރުޞަތުގައި ކަމަށާއި، ހިތާމައަކީ އެމީހުންގެ ވިންގަށް އެކަށީގެންވާ ވަރަށް ޖަރުމަނުން ޕްރެޝަރުކުރެވިފައިނުވުން ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖަރުމަނުގެ މިޑްފީލްޑަރު، ކައި ހަވާޓްޒް ބުނީ، ޖަރުމަނަށް އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހައްގު ކަމަށާއި، މެޗު ފެނުނީ ވަރަށް އުނދަގޫކޮށް ކަމަށެވެ. ސްޕެއިނުގެ އިންޑިވިޖުއަލް ކޮލިޓީ ހުރުމުން ކޮންމެ މިސްޓޭކެއްގެ ފައިދާނެގުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު ޖަރުމަނުން ރަނގަޅަށް ކުޅެމުންދިޔަ ކަމަށާއި، މެޗުގައި ނިކުތް ނަތީޖާ ގަބޫލުކުރަން އުނދަގޫ ކަމަށާއި، މި ކަމުން އަރައިގަނެ ރިކަވާ ވުމަށް ދުވަސް ނަގާނެ ކަމަށް ވެސް ހަވާޓްޒް ބުންޏެވެ.