ޚަބަރު

މ. ކަރާދުނބުރިއާގެ، މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ


  • މުޙައްމަދުފުޅު ވަނީ 43 އަހަރު ސަރުކާރަށް ޚިދުމަތްކުރައްވާފައި

  • ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަޤާމުގައި

  • މުޙައްމަދުފުޅު އަވަހާރަވިއިރީ އުމުރުން 80 އަހަރުގައި

ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މ. ކަރާދުނބުރިއާގެ، މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލްމަރުޙޫމް މުޙައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަޤާމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

އުމުރުން 80 އަހަރުގައި މުޙައްމަދުފުޅު މިއަދު އަވަހާރަވެފައިވާއިރު، ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) މިސްކިތުގައެވެ.