ޚަބަރު

ވެމްކޯ އިން އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތަށް ނިކުންނަނީ


  • ވެމްކޯ އިން އިމާރާތް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ

  • މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ދޭ ތަންތަނުން އެ ޚިދުމަތުގެ އަގަށްވުރެން ކުނި އުކުމުގެ ޚަރަދު ބޮޑުކަމަށް ބައެއް ފަރާތްތަކުން ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބުނަން ކުނި އުކުމުގެ ޚިދުމަތަކަށް ތިހާ ފައިސާއެއް ނުދެޔޭ. އެހެންވެ މި ދެ ޚިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން މިހާރު ދަނީ. އަދި އެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން. އަޅުގަނޑުމެންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވުމުން ބިޑިންގއެއް ނޯންނާނެ" މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.

ވެމްކޯ އިން މިޚިދުމަތުގެ ތެރެއަށް ވަނުމުގެ ކުރިން، ދާއިރާގެ ވަރަށް ގިނަ ބޭފުޅުންނާއި މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމާރާތް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ވަށާ ޖެހޭނީ އެ މަސައްކަތުން އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލެވިގެންނެވެ. މުހައްމަދު ޢަބްދުލްކަރީމް ވިދާޅުވީ މި ޚިދުމަތް ފެށުމަށް އެކުންފުނިން ނިންމީ ވެމްކޯއަކީ ސަރުކާރަށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން ކަމަށެވެ.

"މި ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން. ފޮޅާ ސާފުކުރުމުގެ ޚިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި" މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.

ވެމްކޯއިން މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު އެ ކުންފުނިން ވަނީ ރިސޯޓުތަކުން ކުނި ނެގުމުގެ ޚިދުމަތް ވެސް މި މަހުގެ ތެރޭގައި ފަށާފައެވެ.

މިކަމާއި ގުޅޭގޮތުން މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ ރިސޯޓުން ކުނި ގެނައުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ރިސޯޓުތަކުން ކުނި އުކުމަށް ބައެއް މީހުންނާއި ހަވާލުކުރިޔަސް އެ ކުނި ވެމްކޯގެ ސްޓޭޝަންތަކާއި ހަމައަށް ނައިސް "ގެއްލޭ" ކަމަށެވެ.

އޭނާ ވިދާޅުވީ ވަކި ގޮތަކަށް ބަންދުކޮށްފައި ހުންނަ ކުނި، ރިސޯޓުތަކުން ނަގައިގެން ވެމްކޯއިން ގެންނަ ކަމަށެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުނި މެނޭޖްކުރުމުގެ އަމާޒުގެ ދަށުން ފެއްޓެވި މަސައްކަތެއް ކަމަށް ވެމްކޯ އިން ވިދާޅުވެއެވެ.

މާލެ ސަރަހައްދުން ނަގާ 800 ޓަނުގެ ކުނީގެ ތެރެއިން 260 ޓަނުގެ ކުންޏަކީ ރިސޯޓުތަކުން އަންނަ ކުނިކަމަށް ވެމްކޯ އިން ފާހަގަކުރެއެވެ.