ދާންދޫ ތުއްތު ކަތީބު ގެކޮޅު ތަރިކައިގެ ލިސްޓުގައި ދަފްތަރު ކުރުމުގެ މަސައްކަތް ވިލަރެސް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ގއ.ދާންދޫ ތުއްތު ކަތީބު ދިރިއުޅުއްވި ގެކޮޅު ތަރިކައިގެ ލިސްޓުގައި ހިމެނުއްވުމަށް ދާންދޫ ކައުންސިލުން އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ދާންދޫ ކައުންސިލުން މިކަމަށް އެދިވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއެކު ބޭއްވި ބައްދަލުވުމުގައެވެ. މިބައްދަލުވުން އޮތީ މިދިޔަ ބުރާސްފަތިދުވަހު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
ތުއްތު ކަތީބަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގެ ތެރޭގައި އެރަށުގެ ކަތީބުކަން ކުރެއްވި ބޭފުޅެކެވެ.
މިބައްދަލުވުމުގައި ވަޒީރު ވަނީ މިފަދަ އާސާރީ ތަންތަނަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ ތަންތަން ނޫންކަމަށާއި، އެފަދަ ތަންތަނަކީ ވަރަށް ބައިވަރު ވާހަކަތައް ކަމަށް ފާހަގަކުރައްވައި، އެފަދަ ތަރިކަތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ދާންދޫ ކައުންސިލުން ވަނީ ދިވެހިބަހުގެ ލިޔުމުގެ ގަވާއިދު އުނގަންނައިދޭ ކުރު ތަމްރީނެއް އެރަށުގައި ހިންގެވުމަށް އެދިވަޑައިގެންފައެވެ. މިކަމާ ގުޅިގެން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ކައުންސިލާއި ގުޅިގެން ކުރެވެން ހުރި މިފަދަ މަސައްކަތްތަކަށް އެވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ދާންދޫ ކައުންސިލް މެންބަރުންގެ އިތުރުން އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.