ޚަބަރު

ހުކުރު ދުވަހުގެރޭ ކްރޫޒް 'ރިޓަޔަރ' ކުރަން ބޭނުންވާ ރެއާލްގެ ތިން ކުޅުންތެރިން!


  • []

ޖަރުމަނުގެ މިޑްފީލްޑަރ ޓޯނީ ކްރޫޒްއަކީ ދުނިޔެ ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރެއިން އެކަކެވެ. އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ކްލަބާ ގައުމީ ޓީމްގައިވެސް މެއެވެ. އަދިވެސް އޭނާ ހުރީ އެކާމިޔާބިތައް ތަކުރާރު ކުރެވޭ ފެންވަރުގައެވެ. ދުނިޔޭގެ ކޮންމެ ޓީމެއްގެ ފުރަތަމަ 11 ޔަގީން ކުރެވޭ ފެންވަރުގައެވެ.

އެކަމަކު 34 އަހަރުގެ ކްރޫޒް ވަނީ އޭނާގެ ކުޅުމުގެ ކެރިއަރު ނިންމާލިކަން އިއުލާނު ކޮށްފައެވެ. ކްލަބް ފުޓްބޯޅަ އޭނާ ދެން ނުކުޅޭނެއެވެ. ރެއާލް މެޑްރިޑާއެކު މިދިޔަ ސީޒަންގެ ނިޔަލަށް އޭނާގެ ކްލަބް ކެރިއަރު ނިމުނީ އެވެ. އެކަމަކު ގައުމީ ޓީމާއެކު އަދި ދެމި އެބަހުއްޓެވެ. އެކަމަކު ޖަރުމަނުގެ ގައުމީ ޖަރޒީގައި އޭނާގެ ފަހު މެޗަކީ ހުކުރު ދުވަހުގެ ރެއަށްވެސް ވެދާނެއެވެ. އެންމެ ލަސްވެގެންވެސް އެޖަރޒީގައި އޭނާ ދެމިހުންނާނީ މިމަހުގެ 15 ގެ ނިޔަަލަށެވެ. އެއީ ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖަރުމަނު ގޮސްފި ނަމައެވެ.

ހުކުރު ދުވަހުގެރޭ ޖަރުމަނު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ކުޅުން އިތުރަށް ކުރިއަށް ގެންދަން އަދި ގައުމީ ޓީމްގައިވެސް ކާމިޔާބު މުބާރާތަކުން އަލްވަދާއު ކިޔަން އޮތް ހަމައެކަނި ގޮތަކީ ސްޕެއިން ބަލިކުރުމެވެ. ކްރޫޒް ކުޅުން ހުއްޓާލުމަކީ ފުޓްބޯޅަ އާއިލާ އެދޭ ގޮތެއް ނޫނެވެ. ޖަރުމަނު ކުޅުންތެރިން ކްރޫޒްގެ އެނިންމުމަށް ނުރުހެއެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުއްޓާ މިފަހަރުގެ މުބާރާތަށް ކްރޫޒް ގެނައީވެސް އެސަބަބަށް ޓަކައެވެ. ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކުވެސް ސަޕޯޓަރަކުވެސް ކްރޫޒް އަދި ހުއްޓާލާކަށް ނޭދެއެވެ. އެކަމަކު ކްރޫޒްގެ ނިންމުމަށް އިހުތިރާމް ކުރެއެވެ.

މިކަން މިހެން އޮވެމެ ހުކުރު ދުވަހުގެރޭ ކްރޫޒް ފުޓްބޯޅަ ކުޅުން ހުއްޓާލަން ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިއަކު އެބައެދެއެވެ. ނުވަތަ ހުކުރު ދުވަހުގެ ރެއަކީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި ކްރޫޒްގެ ފަހު ރެއަށް ހަދަން ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިން ބޭނުން ވެއެވެ. އެތިން ކުޅުންތެރިން އެމަސައްކަތް ކުރަން ދަނޑު މައްޗަށްވެސް ނިކުންނާނެ އެވެ. އެއީ ރެއާލް މެޑްރިޑަށް ކުޅޭ ސްޕެއިން ގައުމީ ޓީމްގެ ތިން ކުޅުންތެރިންނެވެ. ޑިފެންޑަރ ޑެެނީ ކަވާޚަލް އާއި، ނަޗޯ އާއި ފޯވާޑް ހޮސޭލޫ އެވެ. އެތިން ކުޅުންތެރިންނަށްވެސް ޔޫރޯގެ ސެމީފައިނަލަށް ދެވެން އޮތީ ކްރޫޒް 'ރިޓަޔަރ' ކުރުވައިގެންނެވެ. ޖަރުމަނު ކަޓުވާލައިގެންނެވެ.

"
އަހަރެމެން އުއްމީދު ކުރަނީ ހުކުރު ދުވަހުގެރޭ ޓޯނީ ރިޓަޔަރ ކުރާނެ ކަމަށް
ހޮސޭލޫ / ސްޕެއިން ފޯވާޑް

ހޮސޭލޫއާއި ރެއާލްއަށް ކުޅޭ ސްޕެއިން ގައުމީ ޓީމްގެ އަނެއް ދެ ކުޅުޅުންތެރިންވެސް އެއުއްމީދު އެގޮތަށް ކުރަނީ ކީއްވެކަން ޓޯނީ ކްރޫޒްއަށް ރަނގަޅަށް އިނގެއެވެ. ހަގީގަތުގައި ޓޯނީ ކްރޫޒް ކުޅުން ހުއްޓާލަން އެ ތިން ކުޅުންތެރިން ނޭދޭކަންވެސް އިނގެއެވެ. ރެއާލް މެޑްރިޑްގެ މެދުތެރެ ބަލަހައްޓަން ޓޯނީ ކްރޫޒް ކުރިއަށް އޮތް ސީޒަންގައި ވެސް ހުރުމަކީ ހުކުރު ދުވަހުގެރޭ ކްރޫޒްގެ ކެރިއަރު ނިންމާލަން ނިކުންނަ ތިން ކުޅުންތެރިންވެސް އެދޭ ގޮތެވެ. އެކަމަކު މިހާލަތުގައި ކްރޫޒްއަށް މޮޅުވާ ގޮތަކީ އަނެއް ތިން ކުޅުންތެރިންނަށް ދެރަވަ ގޮތެވެ.

"
އަހަންނަށް އޭނާ (ހޮސޭލޫ) ވަރަށް ރަނގަޅަށް އިނގޭ، އަހަންނަށް އިނގޭ އޭނާ އެވާހަކަ ދެއްކީ ކޮން މާނައެއްގައިކަން. މީގަ އެންމެ މުހިއްމު ކަމަކީ އެމީހުން ބޭނުމެއް ނުވޭ އަހަރެން ރެއާލް މެޑްރިޑަށް ކުޅުން ހުއްޓާލާކަށް. އެއީ އަހަރެންގެ ރަހުމަތްތެރިން
ޓޯނީ ކްރޫޒް/ ޖަރުމަނު މިޑްފީލްޑަރ

ޔަގީނުންވެސް ހުކުރު ދުވަހުގެރޭ ޓޯނީ ކްރޫޒްގެ ކެރިއަރު ނިންމާލަން ނުޖެހިއްޖެ ނަމަ މިފަހަރުގެ ޔޫރޯގައި އެންމެ ރަނގަޅު ރެކޯޑަކާއެކު އޮތް ސްޕެއިންގައި ތިބި ކްރޫޒްގެ ރަހުމްތެރިންނަށް މުބާރާތް ނިމޭނެއެވެ. އެތިން ކުޅުންތެރިންނަކީ ނިމުނު ސީޒަންގައި ކްރޫޒްއާއެކު ލަލީގާއާއި ޗެމްޕިއަންސް ލީގު އުފުލާލި ތިން ކުޅުންތެރިންނެވެ. ކްލަބް ކެރިއަރު ޓޯނީ ކްރޫޒް ނިންމާލީ ކުޅުންތެރިއަކަށް ކެރިއަރު ނިންމާލެވޭނެ އެންމެ ކާމިޔާބުކޮށެވެ. ހަމަ އެފަދައިން ގައުމީ ޖަރޒީގައި ކެރިއަރު ނިންމާލުމުގެ ފުރުޞަތު ޓޯނީ ކްރޫޒް އަށް އެބައޮތެވެ. އެއީ ޖަރުމަނާއެކު ޔޫރޯ ކާމިޔާބުކޮށް، ގައުމީ ޖަރޒީ ބާލައިގެންނެވެ. ކޯޗު ނާގަލްސްމަން ކޮންމެ ވާހަކައެއް ދައްކައިގެންވެސް ކްރޫޒް އަލުން ގައުމީ ޓީމަށް ގެނައި ގެންނަން ޖެހިގެންކަން ސާބިތު ކޮށްދީގެންނެވެ. ހަގީގަތަކީ 2021 ވަނަ އަހަރު އޮތް ޔޫރޯއަށް ފަހު ރިޓަޔަރ ކުރި ޓޯނީ ކްރޫޒްގެ އެނބުރި އައުމާއެކު ޖަރުމަނަށް ބަދަލުތަކެއް އައިސްފި ކަމެވެ. ނަތީޖާއިން އެކަނިވެސް އެކަން އޮތީ ފެންނާށެވެ.

އެކަމަކު ހަގީގަތުގައި ކާމިޔާބުން އެކަން ދެއްކެން އޮތީ ހުކުރު ދުވަހުގެރޭ ސްޕެއިން ބަލިކޮށްގެންނެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ޖަރުމަނަށް ހޯދައިދީގެންނެވެ. އެކަން ވިޔަ ނުދޭން އެނިކުންނަނީ އޭނާގެ ރަހުމަތްރެރީންނެވެ. ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައި ސްޕެއިންއާއި ޖަރުމަނު ވާދަކުރާ ޔޫރޯ ކްއާޓާ ފައިނަލް މެޗަކީ ފޯރިގަދަ ވާދަވެރި މެޗަކަށް ވާނެކަން ޔަގީނެވެ.