ޚަބަރު

މުބާރާތުގެ ވަކި ފޭވަރިޓެއް ނެތް: ސްކަލޯނީ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެކުއޭޑޯއާ ދެކޮޅަށް ނިކުތުމުގެ ކުރީން، އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ، މިފަހަރުގެ ކޮޕާ އެމެރިކާ އަކީ ވެސް އެންމެ މަތީ ލެވެލްގެ މުބާރާތެއް ކަމަށާއި، މިހާތަނަށްއައިއިރު ވެސް ވަކި ފޭވަރިޓެއް ނެތް ކަމަށް ބުނެފައެވެ.

ސްކަލޯނީ މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ފައިނަލަށް ދަތުރުކުރެވިދާނެ ކަމަށާއި، އެންމެ ފަހުން ކޮލަމްބިއާ އާ ބްރެޒިލް ބައްދަލުކުރި މެޗުވެސް ފެނުނީ ވަރުގަދަކޮށް ކަމަށާއި، އުރުގުއޭ ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި އެއީ ހައިރާންވާންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

އެކުއޭޑޯއާ ބެހޭގޮތުން ސްކަލޯނީ ބުނީ، އެކުއޭޑޯ އަކީ ރަނގަޅު ކޯޗަކާއި، ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި، އެ ޓީމަކީ މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް ޓީމުކަމަށެވެ. އަދި މިއަހަރުގެ ކޮޕާ އެމެރިކާގެ ތަށްޓަށް ވާދަކުރުމުގެ ފެންވަރު އެ ޓީމުގައި ވެސް އެބަހުރި ކަމަށް ސްކަލޯނީ ވަނީ ބުނެފައެވެ.

ސްކަލޯނީ ބުނީ، ކުރިއަށް އޮތް މެޗުގައި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. މެސީ އަށް ލިބިފައިވާ އަނިޔާއިން ރިކަވާވެ، ކުޅެވޭނެކަން ޔަގީންކުރުމަށް އިތުރުވަގުތު ބޭނުންވާނެ ކަމަށާއި، އެގޮތުން އެންމެ ރަނގަޅު ގޮތަކީ އިތުރު ދުވަހެއް އަދި މަޑުކުރުން ކަމަށާއި، ގޮތެއް ނިންމާނީ އެއަށްފަހުގައި ކަމަށްވެސް ސްކަލޯނީ ބުންޏެވެ.

މެސީ، 37، ގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ގްރޫޕް ސްޓޭޖުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާ އަށް ފަރުވާދީފައިވާއިރު ޖެހިގެންއައި މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައެއްނުވެއެވެ. އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ސްކަލޯނީ ވެސް ބެންޗުގައި ނެތެވެ.

"އަހަރެމެން މަސައްކަތްކުރާނީ އޭނާ އަށް ކުޅެވޭތޯ، ނުކުޅެވޭނަމަ ޓީމަށް އެންމެ ރަނގަޅު ގޮތެއް ހޯދާނީ." ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ، މެސީގެ އަނިޔާއާ ގުޅޭގޮތުން އޭނާއާ ވާހަކަދައްކާނެ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ވަގުތުނެގިޔަސް ވީހާވެސް ގިނައިން ތަމްރީންތަކުގައި ބައިވެރިވެ، އެންމެ ރަނގަޅަށް ފިޓްވުން ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ އެކުއޭޑޯ ބައްދަލުކުރާނީ މާދަމާ ހެނދުނު ރާއްޖޭގަޑިން 6 ޖަހާއިރު އެވެ.