ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަތައް އަވަސްކުރަން ޖޭއެސްސީގެ ދަށަށް ބަދަލުކުރަންޖެހޭ: ސުޢޫދު


  • ވަޒީފާއާއިބެހޭ މައްސަލަ ލަސްވާ މައްސަލަ ހައްލުކުރަން ބެލެނިވެރި ފަރާތެއް ބޭނުންވޭ

  • ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ

ވަޒީފާއާއި ގުޅުންހުރި މައްސަލަތައް އަވަސް ކުރުމަށް، ވަޒީފާއާއިބެހޭ ޓްރައިބިއުނަލް، ޖުޑީޝިއަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ބަދަލުކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ޖޭއެސްސީ ޙާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަތައް ލަސްވެ ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން ކޮމިޓީގެ މެންބަރުން ފާޅުކުރެއްވުމާއި ގުޅިގެން، އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާލުވީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ބެލެނިވެރި ފަރާތެއް ނެތް ކަމަށެވެ. އަދި ޓްރައިބިއުނަލްގައި މެންބަރުން ހަމައަށް ތިބޭ ދުވަސްތައްވެސް މަދުކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވަނީ ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަތަކެއްވެސް ހުރިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ޓްރައިބިއުނަލަށް ބެލެނިވެރި ފަރާތްތެއް ހުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް ސުޢޫދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސުޕައިވަޒަރީ ފަރާތްތަކެއް ހުރެފައި ބައެއްގެ ބެލުންތެރިކަން އެ ޓްރައިބިއުނަލްގެ މައްޗަށް އޮންނަ ކަމަށްވަންޏާ އަދި އަޅުގަނޑު ޤަބޫލު ކުރަނީ އެކަން ކުރަން އެންމެ ރަނގަޅު ފަރާތަކީ ޖޭއެސްއެސީ ކަމަށް. އެގޮތަށް އެކަން ކުރައްވިއްޖެއިއްޔާ ވަޒީފާ ބެހޭ ޓްރައިބިއުނަލް މިހާރަށް ވުރެ ޒިންމާދާރު ކުރެވި މައްސަލަ ބަލާ މުއްދަތު ކުރު ކުރެވިދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. " ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.

ވަޒީފާއާއިބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މުޢައްސަސާއެކެވެ. ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލުގައި އިދާރީ ހިންގުމަށް ރައީސެއް އަދި ނައިބު ރައީސެއް އައްޔަންކޮށްފައި ވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ބެލުމުގެ މަޤްޞަދުގައި އުފައްދާފައިވާ މުއައްސަސާއެކެވެ.