ޚަބަރު

ޔަމާލް އަށް ހަމަ 16 އަހަރުތަ؟


މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގަދަ އެއް އަޑަކީ ކުޑަކުއްޖަކު އާދަޔާ ހިލާފް މޮޅަށް ކުޅެމުންދާ ވާހަކައެވެ. ކިޔަވާ ފޮތްތަކާއެކު މުބާރާތަށް ގޮސް، ފިލާވަޅުތައް ނިންމާ އިމްތިހާނުވެސް ހެދި ވާހަކައެވެ. އަދި އެއިމްތިހާނުން ފާސްވި ވާހަކައާއެކު "ލަމީން ޔަމާލް" އަށް އޮހެމުންދަނީ ތައުރީފާއި، މަރުހަބާގެ ބަސްތަކެވެ.

ސުވާލަކީ ހަގީގަތުގައިވެސް ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ޔަމާލް އަށް 16 އަހަރު ތޯއެވެ. ސަމާސާ ރާގުގައި މިސުވާލު ތަކުރާރުކޮށް، އެކި ގޮތްގޮތަށް ފުޓްބޯޅައިގެ ލެޖެންޑުން ކުރެއެވެ. ސަބަބަކީ އޭނާގެ ކުޅުމާއި، ތޫނު ފިލިކަމާއި، ޕްރެޝަރާ ކުރުމަތިލާ ގޮތުން އެއުމުރުގެ ކުއްޖަކަށްވުރެ މާ ހަރު 'ތަސައްރަފަ ފުދިފައިވާ' ކުޅުންތެރިއެއްގެ ސިފަތައް ފެންނާތީއެވެ.

ލަމީން ޔަމާލް އުފަންވި ކަމަށް ލިޔެކިޔުންތަކުން ފެންނާން އޮތީ 13 ޖުލައި 2007 އެވެ. މާނައަކީ އޭނާއަށް އަދި 16 އަހަރެވެ. 17 އަހަރު ފުރޭނީ މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. މުބާރާތުގައި ކުޅޭ ޕޯޗްގަލް ޑިފެންޑަރ 41 އަހަރުގެ ޕެޕޭ ޔަމާލްގެ ބައްޕައަށް ވުރެ 7 އަހަރު ދޮށްޓެވެ. ކްއާޓާ ފައިނަލްގައި ޖަރުމަނު ބަލިކުރެވިއްޖެ ނަމަ 17 އަހަރު ފުރުން ޔަމާލް ފާހަގަކުރާނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ޖަރުމަނުގައެވެ. ސްޕެއިން ގައުމީ ޓީމާއެކުއެވެ.

އެއްވެސް ޝައްކެއް ސުވާލެއް ނެތް ކަމަކީ އުމުރުން 16 އަހަރުގައި އޭނާގެ ފުރަތަމަ ޔޫރޯގައި ދައްކާ ކުޅުމަކީ ވަކި ކުޅުންތެރިއެއްގެ ފަރާތުން ފެންނަ އެންމެ މޮޅު ކުޅުން ކަމެވެ. ޔޫރޯގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފާއެކު ސްޕެއިން ޓީމް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިއަކީވެސް ޔަމާލް އެވެ.

އިދިކޮޅު ޑިފެންޑަރުން އެންމެ ޖެހިލުން ވަނީ ހަގީގަތުގައި އުމުރަށް ބަލާއިރު ކުޑަކުއްޖެއް ދެކެއެވެ. އެކަމަކު ޔަމާލް އަކީ ދަނޑުމަތީގައި ކުޑަކުއްޖެއް ކަމަށް ގަބާލުކުރާ ހަމަ އެކަކުވެސް ނެތެވެ. ޖަރުމަނު ޓީމްގެ ވައަތް ފަޅިން ޑިފެންސަށް ކުޅޭ ޑޭވިޑް ރައުމް ބުނީ ޔަމާލް އަކީ ކުޑަކުއްޖެއް ނޫން ކަމަށެވެ. 26 އަހަރުގެ ޑޭވިޑް ރައުމް އަށް ކްއާޓާ ފައިނަލްގައި ޔަމާލްއާ ކުރިމަތިލާން ޖެހޭނެއެވެ.

"
ލަމީން އާއި ނިކޯ އަކީ ޓޮޕް ކްލާސް ކުޅުންތެރިން. ޔަމާލް އަކީ ބާސެލޯނާގެ ފުރަތަމަ އެގާރައާއި ސްޕެއިންގެ ފުރަތަމަ އެގާރައިގެ ކުޅުންތެރިއެއް. އޭނާ އަކީ އެއްވެސް ހާލެއްގައި މިހާރު ކުޑަކުއްޖެއްނޫން
ޑޭވިޑް ރައުމް/ ޖަރުމަނު ޑިފެންޑަރ

ލަމީން ޔަމާލް އަށް އެންމެފަހުން ސަމާސާކުރި ފުޓްބޯޅައިގެ ލެޖެންޑުންގެ ތެރޭގައި އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްވެސް ހިމެނެއެވެ. ޖޯޖިޔާ އަތުން ސްޕެއިން މޮޅުވި މެޗަށްފަހު ބެކަމް ބުނީ ލަމީން ޔަމާލްގެ އައިޑީ ކާޑް ކޮންމެވެސް މީހަކު ޗެކް ކުރަން ވެއްޖެ ކަމަށެވެ. އަދި ލަމީން އަކީ ހަގީގަތުގައިވެސް 16 އަހަރުގެ ކުއްޖެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށް ސަމާސާ ރާގުގައި ބެކަމް ބުނެފައި ވެއެވެ.

"
ސަބަބަކީ އަހަރެމެންނަށް ފެންނަނީ 25 އަހަރުގެ ތަސައްރަފް ފުދިފައިވާ ގަބޫލުކުރަން ދަތި ފެންވަރެއްގައި ހުރި ކުޅުންތެރިއެއް. އެންމެނަށްވެސް ފެންނާނެ ދަނޑުމަތީގައި ޔަމާލް ދޭ ބޯޅަތައް. އޭނާ ކުޅެލަނީ ރަހުމަތްތެރިކަމުގެ މެޗެއްގައި ކުޅެލާހާ ހަމަޖެހިގެން
ޑޭވިޑް ބެކަމް/ އިނގިރޭސި ކުރީގެ ކެޕްޓަން

ޑޭވިޑް ބެކަމް ބުނީ ޔަމާލްގެ ފަރާތުން ފެންނަނީ ޕްރެޝަރެއް ނެތި، ހަމަޖެހިލައިގެން ކުޅެމުންދާތަން ކަމަށެވެ. ދަނޑުމަތީގައި ޔަމާލްގެ ފަރާތުން ފެންނަ ކަންކަމަށް ބަލާއިރު މިދިޔަ 10 އަހަރުވެސް މެދުނުކެނޑި ބޮޑަތި މުބާރާތްތަކުގައި ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރިއެއްގެ ފަދަ ކަމަށް ބެކަމް ބުންޏެވެ.

ޔަމާލް އަކީ ލަލީގާއާއި ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ މުހިއްމު ކުޅުންތެރިއެކެވެ. ފުރަތަމަ 11 ޔަގީން ކުޅުންތެރިއެކެވެ. ބެކަމް ސުވާލު އުފެއްދީ ލަމީންގެ ޕީކަށް ދާއިރު ހުންނާނެ ފެންވަރާ މެދުއެވެ. ޔަމާލްގެ ހުނަރާއި، ފެންވަރަކީ "ގަބޫލުކުރަންދަތި' ފެންވަރެކެވެ. ހުނަރެކެވެ. އޭނާގެ އުމުރަށް ބަލާއިރު އެވެ.