ވިޔަފާރި

ބީއެމްއެލްއިން މޮބައިލް ފޯން ރިޗާޖް ވައުޗަރ ވިއްކުން ހުއްޓާލައިފި


ބީ.އެމް.އެލްގެ އޭޓީއެމްތަކުންނާއި އިންޓަރނެޓް ބޭންކިންގ އަދި ބީއެމްއެލް އެޕް މެދުވެރިކޮށް މޮބައިލް ފޯން ރިޗާޖް ވައުޗަރސް ވިއްކުން މިވަގުތަށް ހުއްޓާލާފައިވާކަމަށް ބެންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މި ޚިދުމަތް ދިނުން ހުއްޓާލީ، ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެން ރިޗާޖް ވައުޗަރ ހޯދަމުންދާ ދިއުން ހުއްޓުވުމަށް ހޯމް މިނިސްޓްރީން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެބޭންކުން ބުނެއެވެ. ބީ.އެމް.އެލްއިން ބުނީ، ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، ރިޗާޖް ވައުޗަރ ގަންނަނީ އޭޓީއެމްއިން ފައިސާގެ މުޢާމަލާތް ކުރާގޮތަށް ކާޑާއި ޕިން ބޭނުންކޮށްގެން ނުހަނު ރައްކާތެރިކަމާ އެކުގައި ކަމަށާއި، ކަސްޓަމަރުން ވައުޗަރ ގަތުމަށްފަހު ބޭނުންކުރާ ގޮތް ވައުޗަރ ވިއްކާ ފަރާތްތަކަށް ބެލެން ނޯންނަ ފަދައިން ބޭންކަށްވެސް ބެލެން ނޯންނަކަމަށެވެ. އަދި ކަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ މިފަދަ އެއްވެސް ކަމަކަށް އިޖާބަނުދިނުމަށާއި މުހިންމު އެއްވެސް މަޢުލޫމާތެއް  ފޯންކުރާ ފަރާތާ ޙިއްޞާނުކުރުމަށްވެސް ބީ.އެމް.އެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.