ޚަބަރު

މަދަނީ އިޖުރާޢަތުގެ ޤާނޫނާއެކު މަދަނީ މައްސަލަތައް ވަރަށް ބޮޑަށް ލަސްވި: ފަނޑިޔާރު ސުޢޫދު


  • ޤާނޫނުގެ ބޭނުމަކީ މަދަނީ މައްސަލަތައް އަވަހަށް ނިންމުން

  • ނަމަވެސް ޤާނޫނާއެކު މައްސަލަތައް ލަސްވިކަމަށް ސުޢޫދު ވިދާޅުވި

  • ޤާނޫނަށް އިޞްލާހު ގެނެސްގެން ގިނަ މައްސަލަތައް އަވަހަށް ނިންމޭނެ

މަދަނީ ޢިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން މަދަނީ ކޯޓުގެ މައްސަލަތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަމަށް ސުޕްރީމް ކޯޓުގެ ފަންޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ހުސްނުސުޢޫދު ވިދާޅުވެއްޖެއެވެ. ހުސްނުސުޢޫދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކޯޓުތަކުގެ މައްސަލަ ލަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ފަރާތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ހުސްނުސުޢޫދު ވިދާޅުވީ، މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ލިބިދޭ މަދަނީ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުން ނުވަތަ މީޑިއޭޝަންގެ ބޭނުން އެއްކޮށް ކެނޑިފައިވާ ކަމަށެވެ. އެގޮތުން އެ މަދަނީ ކޯޓަށް ހުށަހެޅޭ 60 އިންސައްތަ މައްސަލައަކީ މީޑިއޭޝަން މެދުވެރިކޮށް ޙައްލު ކުރެވޭނެ މައްސަލަކަން ފާހަގަކުރައްވާ ސުޢޫދު ވިދާޅުވީ، ޤާނޫނުގައި މިހާރު ބުނާ އިޖުރާޢަތް ފުރިހަމަކޮށް މީޑިއޭޝަނާއި ހަމައަށް ދާން، 6 މަސް ނުވަތަ 8 މަސް ދުވަސް ނަގާކަމަށެވެ.

"މިހާރުވެސް ސިވިލް ޕްރޮސީޖަރ އެކްޓް އިސްލާހު ކުރެވިގެން މީޑިއޭޝަންގެބައިން މައްސަލަތަކުގައި ކުރިއަށް ގެންދެވިއްޖެނަމަ މިހާރު ހުރި މައްސަލަތަކުގެ 60 އިންސައްތަ ދުވަހުން ދުވަހަށް ހައްލު ކުރެވޭނެ. އެ ބެކްލޮގް އެއްކޮށް ނައްތާލެވޭނެ ހަމަ ގާތްގަނޑަކަށް 6 އެއްކަ މަސް ދުވަސް ތެރޭގައި." ހުސްނުސުޢޫދު ވިދާޅުވިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ހުސްނުސޫޢުދު ވިދާޅުވީ، ޤާނޫނު މިހާރު އޮންނަގޮތުން ޤަވާއިދެއްގެ ތެރެއިންވެސް އެ މައްސަލައަށް ހައްލެއް ގެނެވެން ނެތްކަމަށެވެ.


މީގެ އިތުރުން މި ޤާނޫނުގެ ތެރެއިން މަދަނީ މައްސަލަތައް ތަންފީޒު ކުރުމަށްވެސް މިހާރު ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މަދަނީ ކޯޓުގެ އަމަރުތަކާއި ޚިލާފުވުމުން ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް ފުރުސަތު ދީފައި އޮންނަ ނަމަ، ހުކުމް ތަންފީޒު ކުރުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މިމައްސަލައިގައި ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ހުސެއިން ރިޟާ އަހުމަދު ވިދާޅުވީ، މި ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން ބަންޑާރަ ނައިބާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އޭޖީންވެސް ގެންނަން ބޭނުންވާ ބަދަލުތައް އެބަހުރި. އަޅުގަނޑުމެން ވިސްނުން ހުރީ ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ޚިޔާލާއި އޭޖީގެ ޚިޔާލު ހިމަނައިގެން ޖޭއެސްސީގެ ހިޔާލާއެކު މި ޤާނޫނަށް އިސްލާހު ގެންނަން. އޭރުން މަދަނީ މައްސަލަތައް ލަސްވާ މައްސަލައަށް ހައްލެއް އަންނާނެ. " ރިޟާ ވިދާޅުވިއެވެ.

މަދަނީ އިޖުރާޢަތުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. މި ޤާނޫނުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި 6 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެކަމަށް މި ޤާނޫނުގައި ބަޔާންކުރެއެވެ.