ޚަބަރު

އެމްއައިބީން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ތަޢާރަފްކޮށްފި


  • މި ޚިދުމަތް އަމިއްލައަށް ހޯދޭނެ

  • މިއީ ކަސްޓަމަރުންނަށް ފަސޭހަކުރުމަށް ތަޢާރަފްކުރި ޚިދުމަތެއް

މޯލްޑިވްސް އިސްލާމިކް ބޭންކުން ސެލްފް ސަރވިސް ކިއޮސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް އެ ބޭންކުގެ ޚިދުމަތް ލިބޭނެގޮތް ހަދައިފިއެވެ.

އެމްއައިބީން ބުނީ މިއީ އެ ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތް ލިބިގަތުމަށް އިތުރު އައު ގޮތެއް ތަޢާރަފްކޮށް، ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ތަޢާރަފްކުރި ޚިދުމަތެއްކަމަށެވެ.

ކިއޮސްކުގެ ޚިދުމަތާއެކު އެމްއައިބީގެ ޚިދުމަތް އަމިއްލައަށް ހޯދޭނެއެވެ. އެބޭންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގައި ކިއޮސްކު މިވަގުތު ހުރި ނަމަވެސް ވަރަށް އަވަހަށް އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާކުރާނެކަމަށް ވަނީ ބުނެފައެވެ. މި ޚިދުމަތް ލިބިގަތުމަށް އެހީތެރިވުމަށް އެބޭންކުގެ މުވައްޒަފުން ތިބޭނެކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

ކަސްޓަމަރުންނަށް ފަސޭހަކުރުމަށް އެމްއައިބީން ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައިވާއިރު އޭގެތެރެއިން އެއް ޚިދުމަތަކީ އެމްއައިބީ އެޕްލައިނައު ޚިދުމަތެވެ. މިއީ ރާއްޖޭގައި ކަސްޓަމަރ ސަރވިސް ދިނުމަށް ބޭނުންކުރާ އެންމެ ފުރިހަމަ އެންމެ ބާރުގަދަ އެއް ޕޯޓަލެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ޚިދުމަތް ވަގުތުން ލިބެއެވެ.

މިއީ މި ޚިދުމަތް ދޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެޕްލައި ނައު ޕޯޓަލްގެ އުޖާލާ ނައު ސެކްޝަނުން ބޭންކަށް ނުގޮސް މިހާރު ޝަރިއާ ހުއްދަކުރާ އުސޫލުން މުދާގަނެ އެކި ބޭނުންތަކަށް ފައިސާނެގެއެވެ. މި ޕޯޓަލްއިން އެމްއައިބީގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.