ޚަބަރު

ކުރިއަށްއޮތް 3 ދުވަހުވެސް ވިއްސާރަކުރާނެ: މެޓް އޮފީސް


  • ބޮޑަށް ވިއްސާރަކުރާނީ މެދުރާއްޖެ ތެރެއާއި އުތުރަށް

  • މިރޭ 22:30 އަށް ހުދު ސަމާލު ވަނީ ނެރެފައި

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު 16:45 އިން 22:30 އަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވިއްސާރަކުރިނަމަވެސް ވައިގަދަވެ ކަނޑުތައް ގަދަ ނުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މިވިއްސާރަ އަލިވާނީ އަންނަ ހޮނިހިރު ހިސާބުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.