ތިމާވެށި

ކޯސްޓަލް ނެވިގޭޝަން ކޯސް 30 ފަރާތަކުން ފުރިހަމަކޮށްފި


އދ. އޮމަދޫ އެކުވެރިންގެ ޖަމްޢިއްޔާއިން ހިންގި ކޯސްޓަލް ނެވިގޭޝަން ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާއި އދ. އޮމަދޫ އެކުވެރިންގެ ޖަމްޢިއްޔާ ގުޅިގެން އޮމަދޫގައި ހިންގި ކޯސްޓަލް ނެވިގޭޝަން ކޯހުގައި 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އޮމަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓްދެއްވީ އޮމަދޫ ސްކޫލްގެ ޕްރިންސިޕަލް ޙަސަން އާމިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙަސަން ޢާމިރު ވިދާޅުވީ، ކްލަބް ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުދިކުދި އާބާދީތަކުގައި މިފަދަ ކޯސްތައް ހިންގިދާނެކަން އޮމަދޫ އެކުވެރިންގެ ޖަމްޢިއްޔާއިން ސާބިތުކޮށްދެމުން އަންނަކަމަށެވެ. އަދި ޤައުމު ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އިތުރުން، ކްލަބް ޖަމްޢިއްޔާތަކުންވެސް މިފަދަ ކަންތަށް ކުރަންޖެހޭކަން ޢާމިރު ފާހަގަކުރެއްވިއެވެ.

މިއީ މި ކޯސް އެ ޖަމްއިއްޔާއިން އެރަށުގައި ހިންގި 3 ވަން އަހަރެވެ. އެ ޖަމްޢިއްޔާއިން ބުނީ މިއަހަރުގެ ތެރޭގައި މިފަދަ އިތުރު ކޯސްތަކާއި ދީނީ އެކިއެކި ކޯސްތައްވެސް އެރަށުގައި ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ރަށުގެ ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައި އެޖަމްޢިއްޔާގެ އެހީތެރިކަން ލިބޭނެކަމަށް އެކުވެރިންގެ ޖަމްޢިއްޔާއިން ބުނެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 24 ން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ކޯހުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން ބައިވެރިވެފައިވެއެވެ.