ޚަބަރު

"ފަލަސްޠީނާއެކު ދިވެހީން" ފަންޑަށް ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި


  • ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބުނު

  • އެއީ 18،418،922.24 ދިވެހި ރުފިޔާއާ 49،800.86 ޑޮލަރު

  • ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޭރެންޓްކޮށް

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ފަލަސްޠީންގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މިޓެލެތޯނުން ލިބުނު 19،186،851.5 ރުފިޔާގެ ފައިސާގެ ރަމްޒީ ޗެކް ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައެވެ. ޕީއެސްއެމްގެ ފަރާތުން މިރަމްޒީ ޗެކް ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ. ޗެކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް މިިދޔަ މަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މިޓެލެތޯން ކުރިއަށްދިޔަ ގޮތް ބެލެހެއްޓީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްއިންނެވެ. އެ ފާމުން ފާހަގަކުރި ގޮތުގައި މިޓެލެތޯންގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޭރެންޓްކޮށެވެ.

ފަލަސްޠީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރާއި 86 ސެންޓެވެ.

މިޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބިފައިވެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.

މި ޓެލެތޯނަށް ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީޑިއާތަކާއި ސަރުކާރާއި ދަޢުލަތުގެ އެކި އިދާރާތަކުގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޒީނާ ޝުކުރު އަދާކުރެއްވިއެވެ. ޒީނާ ވިދާޅުވީ ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގައި ގިނަ ވަގުތު ހޭދަވިކަމަށާއި ޚާއްސަކޮށް ވަކި ލާރީގެ ގޮތުގައި ލިބުނު 40،000 ރުފިިޔާ ގުނުމަށް 6 ގަޑިއިރު ހޭދަވިކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހަރަކާތް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަށް. މި ޤައުމީ ހަރަކާތަކީ ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ހަރަކާތެއް. މިހަރަކާތުގައި އަމަލީގޮތުން މަސައްކަތް ކުރި މުވައްޒަފުންނަށް ޝުކުރު ދަންނަވަން" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

މި ޓެލެތޯނުން ލިބުނު ފައިސާ ފަލަސްޠީންގެ ރައްޔިތުންނަށް ފޯރުވައިދިނުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އެޖެންސީ ފޮރ ޕަލެސްޓައިން ރެފިއުޖީސް ނުވަތަ "އަންރުވާ" މެދުވެރިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ފަލަސްޠީނުގައި މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ގޮވާލާ ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފަލަސްޠީނުން ބަލައިގަންނަކަމަށެވެ. އަދި ޓެލެތޯނުން ލިބުނު މިފައިސާ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު އަންރުވާއަށް ރައްދުކޮށްދިނުމަށް އެކްސްޓަރނަލް އިންޑިޕެންޑެންޓް އޮޑިޓަރެއް ހުރުން މުހިންމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެފައިސާ އަންރުވާއަށް ހަވާލުކުރުމަށްފަހު އެކަން ޕީއެސްއެމްއަށާއި މިމަސައްކަތް ކުރި އޮޑިޓަރުންނާއި ހިއްސާކުރާނަން. އަދި އެކަން އާންމުކޮށް އެހެން ބޭފުޅުންނަށްވެސް އަންގާނަން." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

"ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސްއަކީ އދ.ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ވުޖޫދަށް ގެނެސްފައިވާ އިދާރާއެކެވެ.