ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް ހުށަހެޅި ގަރާރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢުއެވެ. ގަރާރު ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވި 78 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.
ސުޖާޢު ހުށަހެޅުއްވި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެންބަރުންގެ ޢަދަދު އިތުރުވަމުންދާކަމަށް ބަޔާންކޮށްފައެވެ. އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނައިރު މިކަމަށް މަޖިލީހުން ހައްލެއް ހޯއްދަވަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް މެންބަރު ވިދާޅުވިއެވެ.
ސުޖާޢު ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ މެދުގައިވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި، ކުރީގެ މަޖިލިސްތަކުގައި އެކަމަށް ހައްލެއް ހޯދުމަށް އިސްލާހުތައް ހުށަހެޅި ބަހުސް ކުރެވުނު ނަމަވެސް ޖުމްލަ މެންބަރުންގެ ދެކޭގޮތް ހާމަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ވަގުތާއި ހާލަތާއި ގުޅޭފަދަ ހެޔޮބަދަލެއް މިކަމުގައި ގެނައުމަށް ބަހުސްކޮށް، މެންބަރުން ސީދާ އެކަމާމެދު ދެކެވަޑައިގަންނަވާގޮތާއި ހުށަހަޅުއްވާ ޚިޔާލާއި ރައުޔު ހާމަވެގެންދިއުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މެންބަރު ސުޖާޢު ވިދާޅުވިއެވެ.
ގަރާރުގަ ވަނީ ރާއްޖޭގައި މިހާތަނަށް މަޖިލީހުގެ 4 އިންތިޚާބު ބާއްވާފައިވާއިރު 17ވަނަ މަޖިލީހުން ފެށިގެން 20ވަނަ މަޖިލީހަށް ހަމައަށް 16 މެންބަރުން އިތުރުވެފައިވާ ކަމަށެވެ. ފާއިތުވި 30 ވަރަކަށް އަހަރު ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތް މަޑުޖެހިފައި އޮތްނަމަވެސް ކުރިއަށް އޮތްތަނުގައި އާބާދީ އިތުރުވަމުން އަންނަ ނިސްބަތް އަންދާޒާކުރާނަމަ ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ ގޮނޑިތައް އިތުރުވަމުންދާނެކަން ސުޖާޢު ފާހަގަކުރެއްވިއެވެ.
މެންބަރުންގެ ޢަދަދު މަދުކުރުމަށް ނުވަތަ ވަކި ޢަދަދެއްގައި ހިފެހެއްޓުމަށް ޤާނޫނު އަސާސީގެ 71 އަދި 72 ވަނަ މާއްދާއަށް މުހިންމު އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ސުޖާޢު ވިދާޅުވިއެވެ. އަދި އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނަށްވެސް ބަދަލު ގެންނަން ޖެހޭކަން މެންބަރު ސުޖާޢު ޤަރާރުގައި ވިދާޅުވިއެވެ.
މިހާތަނަށް އިންތިޚާބުކުރި މަޖިލީހުގެ ތެރޭގައި 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއެވެ. އަދި މިހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ.