ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 3 ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި


  • ސަފީރުން ޢައްޔަން ކުރައްވާފައިވަނީ ބަންގްލަދޭޝް، ތުރުކިޔޭ އަދި ޕާކިސްތާނަށް

  • މި 3 ބޭފުޅުންވެސް ޢައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.

ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި އަލްއުސްތާޛު މުޙައްމަދު ޠާހާ މިއެވެ.

މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި ޝިއުނީން ރަޝީދު، ސަފީރުކަމަށް ޢައްޔަންކުރެއްވުމާއި ހަމައަށް ފުރުއްވަމުން ގެންދެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމެވެ. ތުރުކިޔޭއަށް ކަނޑައަޅުއްވާ ސަފީރެއްގެގޮތުގައި ޢައްޔަންކުރެއްވި ހަމަޖެއްސެވި ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު އެންމެފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަޤާމުގައެވެ.

ޕާކިސްތާން ސަފީރެއްގެ ގޮތުގައި ހަމަޖެއްސެވި އަލްއުސްތާޛު މުޙައްމަދު ޠާހާއަކީ މީގެކުރިން ސަޢުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖައްސައި، މަޖިލީހުން ރުހުންވެސް ދެއްވި ބޭފުޅެކެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އޭނާ ސަޢުދީ އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖައްސާފައެވެ.