ޚަބަރު

ޑިފެންޑަރ މެރިހް ދެމިރާލްގެ ދެ ލަނޑުން އޮސްޓްރިއާ ބަލިކޮށް، ތުރުކީ ކްއާޓާ އަށް


  • []

ޑިފެންޑަރ މެރިހު ދެމިރަލްގެ ދެ ލަނޑުން އޮސްޓްރިއާ ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް ތުރުކީ ދަތުރު ކޮށްފި އެވެ.

ތުރުކީ ކްއާޓާ ފައިނަލަށް ދަތުރުކުރީ 2-1 ން އޮސްޓްރިއާ ބަލިކޮށްގެންނެވެ. ދެހާފްގައި ތުރުކީގެ ދެލަނޑުވެސް ޖެހީ ސެންޓްރަލް ޑިފެންޑަރ މެރިހް ދެމިރާލް އެވެ. ފުރަތަމަ ލަނޑު މެޗު ފަށައިގެން 57 ވަނަ ސިކުންތް ގައެވެ. އަދި ދެވަނަ ލަނޑު 60 ވަނަ މިނިޓްގައެެވެ. ދެ ލަނޑުވެސް އޭނާ ޖެހީ ރެއާލް މެޑްރިޑަށް ކުޅޭ 19 އަހަރުގެ ގުލާ ނަގައިދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ދެވަނަ ބޯޅަ ގޯލަށް ވަނީ އޮސްޓްރިއާ ކީޕަރު އަތުގައިވެސް ޖެހިފައެވެ.

ތުރުކީން ދެ ލަނޑު ޖެހި ފަހުން، ރަނގަޅު ރެކޯޑަކާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ނޮކްއައުޓް ބުރަށް ދަތުރުކުރި އޮސްޓްރިއާގެ ހަމައެކަނި ލަނޑު ޖެހީ ގްރެގޮރިޗް އެވެ. 66 ވަނަ މިނިޓްގައި އޭނާ ލަނޑު ޖެހީ ކޯނަރަކުން ތަނަވަސް ފުރުޞަތުގައި ގޯލް އޭރިޔާ ތެރެއިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ބަދަލަކަށް ނިކުއިން ގްރެގޮރިޗް ލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި ދެވަނަ ފުރުޞަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ.

މެޗު ފަށައިގެން ފުރަތަމަ ފުރުޞަތު ހޯދީ އޮސްޓްރިއާއިން ނެވެ. 5 ވަނަ މިނިޓްގައި އޮސްޓްރިއާ އަށް ލިބުނު ކޯނަރު އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައީ ކްރިސްޓޮފް ބަމްގަޓްނަރ އަށް ފައި ޖައްސާނުލެވިގެން ނެވެ. ފުރުޞަތުތަކެއް ތަނަވަސް ނުކުރެވުނު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އަރިމަތިން މާސެލް ސަބިޓްޒަ ނަގައިދިން ބޯޅަ ވެސް އޭރިޔާ ތެރެއިން ކްރިސްޓޮފް ބަމްގަޓްނަރ އަށް ފޮނުވާލެވުނީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ގޯލް އޭރިޔާ ތެރެއިން މުޅިން ހުސްކޮށްލާފަ އޮސްޓްރިއާގެ ކެޕްޓަން މާކޯ އާނައުޓޮވިޗް އަށް ޖައްސާލި ބޯޅަ، އޭނާ ފޮނުވާލުމުން ކީޕަރު ފައިން ދިފާއުކުރި އެވެ. އޭގެ ތިން މިނިޓް ފަހުން އޮސްޓްރިއާ ޑިފެންޑަރ ސެޓަފަން ޕޮޝް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ތުރުކީ ޑިފެންޑަރު ބޭރުކޮށްލީ އެވެ.

މެޗުގެ ފަހު ފަނަރަ މިނިޓްގެ ތެރޭގައި އޮސްޓްރިއާގެ ފްލޯރިއަން ގްރިލިޗް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރެވެ. މެޗުގެ އިތުރު ވަގުތުގައި ތުރުކީގެ ބަރިސް ޔިލްމާޒްު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއެވެ. އޭގެ ކުރިން އޭނާ ފޮނުވާލި ބޯޅައެއްވެސް ކީޕަރު ދިފާއު ކުރިއެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން އޮސްޓްރިއާއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އެކަމަކު ބަމްގަޓްނަރ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރިއެވެ.

ކްއާޓާ ފައިނަލްގައި ތުރުކީ ވާދަކުރަން ޖެހޭނީ ނެދަލެންޑްސްއާއެވެ. ތުރުކީ މުބާރާތުގެ ކްއަޓާ ފައިނަލަށް ދަތުރު މިކުރީ 2008 ވަނަ އަހަރުގެ ފަހުންނެވެ.