ޚަބަރު

ރޮމޭނިޔާ ބަލިކޮށް، ނެދަލެންޑްސް ކްއާޓާ ފައިނަލަށް


  • []

ރޮމޭނިޔާ ބަލިކޮށް، ނެދަލެންޑްސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ތިންވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން ނޮކްއައުޓް ބުރުން ޖާގަ ހޯދި ނެދަލެންޑްސް ކްއާޓާ ފައިނަލަށް ދަތުރުކުރީ 3-0 ން ރޮމޭނިޔާ ބަލިކޮށްގެންނެވެ. މެޗުން ނެދަލެންޑްސް މޮޅުކޮށްދޭން ފުރަތަމަ ލަނޑު 20 ވަނަ މިނިޓްގައި ޖެހީ ގަކްޕޯ އެވެ. ގޯލް އޭރިޔާ ކަނާ ދިމާލުން، ގޯލާ 18 މީޓަރު ދުރުން ގަކްޕޯ ގަކްޕޯ ތިރިތިރިން ފޮނުވާލި ބޯޅަ ތަތްވީ ގޯލްގެ ކަނަށެވެ. އޭގެ ފަހުން ދެވަނަ ހާފްގައި ގަކްޕޯ ދެވަނަ ގޯލެއްވެސް ޖަހާ އުފާފާޅުކުރި އެވެ. އެކަމަކު 63 ވަނަ މިނިޓްގައި ގޯލް އޭރިޔާ ރޮނގު މަތިން އޭނާ ޖެހި ގޯލް ބަލައި ނުގަތީ ވީއޭއާރުން ބެލިއިރު ފައިތިލާގެ ތަންކޮޅެއް އޮފްސައިޑަށް އަރާފައި ވުމުންނެވެ. އޭގެ ސިކުންތު ކޮޅެއް ކުރިންވެސް ގަކްޕޯ ރަނގަޅު އެޓޭކެއް ކުރިއެވެ. އަމިއްލަ ހާފްގެ ތެރެއިން ބޯޅައާއެކު ކުރިއަށް އަރާ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ކީޕަރެވެ.

ދެވަނަ ލަނޑެއް ޖަހަން ލިބުނު ގިނަ ފުރުޞަތުތައް ނާކާމިޔާބު ވުމަށްފަހު 83 ވަނަ މިނިޓްގައި ދެވަނަ ގޯލް ޖެހީ މަލެން އެވެ. އެކަމަކު އެ ލަނޑުގެ މުހިއްމު ހިއްސާ ދާރަކީ ގަކްޕޯ އެވެ. ބޭރު ރޮނގު މަތިން ގޯލް އޭރިޔާ ތެރޭގައި ހުރި މަލެން އަށް ދިނީ މުޅިން ހުސްކޮށްލާފައެވެ. އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މަލެން ވަނީ ފުރުޞަތުގެ ބޭނުން ކޮށްފައެވެ. ނެދަލެންޑްސްގެ ތިންވަނަ ލަނޑުގައި ފެނުނީ މަލެންގެ ސްޕީޑާއި ހުނަރެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާ ދެވަނަ ގޯލެއް ޖެހީ, ކައުންޓަރވ އެޓޭކްގައި އަމިއްލަ ހާފްގެ ތެރެއިން ބޯޅައާއެކު ކުރިއަށް އަރާ ރޮމޭނިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރަށް ފުރުޞަތު ނުދީ ތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެން ނެވެ. މަލެން ކުޅެން ނިކުތީ ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައެވެ.

މުޅި މެޗުގައި ނެދަލެންޑްސް އަށް ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ލިބުނެވެ. މެޗު ފަށައިގެން 5 ވަނަ މިނިޓްގައި ފުރަތަމަ ފުރުޞަތު ލިބުނީ ޒަވީ ސިމޯންސް އަށެވެ. އޭނާ ދުރުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. ރޮމޭނިޔާގެ ފުރަތަމަ އެޓޭކް 14 ވަނަ މިނިޓްގައި އުފެއްދީ މޭން އަށެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

25 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަރިމަތި ދަނޑިކައިރިން ނެދަލެބްޑްސްގެ ޑިފެންޑަރ ސެޓެފަން ބޮލުން ޖެހުމުން ދިޔައީ ބޭރަށެވެ. އޭގެ ފަސް މިނިޓް ފަހުން ޑަމްފްރައިސް ގޯލްއާރިޔާ ތެރޭގައި ހުރި ޑިޕާއީ އަށް ތިރިތިރިން ނަގައިދިން ބޯޅަ ގޯލް ކުރިމަތިން ރޮމޭނިޔާ ޑިފެންޑަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. ހާފް ނިމެން ދެމިނިޓަށް ވެފައިވަނިކޮށް ޒަވީ ސިމޯން އަށް އޭރިޔާ ތެރެއިން ރަނގަޅު ފުރޞަތެއް ލިބުނެވެ. އެކަމަކު ޑަމްފްރައިސް ދިން ރީތި ބޯޅަ ބޭރަށް ފޮނުވާލެވުނީ ލަސްވުމުންނެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާ ފެނުނީ ރޮމެނޭޔާގެ ފަރާތުންނެވެ. ދެވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ރޮމޭނިޔާއިން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. 53 ވަނަ މިނިޓްގައި ގޯލް އޭރިޔާ ބޭރުން ޑިޕާއީ އަށް ލިބުނު ފުރުޞަތުގައި ރަނގަޅަށް ފޮނުވާ ނުލެވުނެވެ. ފޮނުވާލެވުނު ބޯޅަ ބްލޮކްވީ ކުރިމަތީ ހުރި ރޮމޭނިޔާ ކުޅުންތެރިޔާ ގައިގަ ޖެހިފައެވެ. އޭގެ ތިން މިނިޓް ފަހުން ވެންޑައިކް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މިއީ ނެދަލެންޑްސްގެ އެންމެ ނުރައްކާތެރި ބޯޅައެވެ. އޭގެފަހުން ގަކްޕޯ އޭރިޔާ ތެރެއިން ގޯލްގެ ކަނާ ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. 67 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ޑިޕާއީ ފޮނުވާލި ހިލޭ ޖެހުން އަރިމަތި ދަނޑި ކައިރިން ބޭރުވީ ކުޑަތަންކޮޅެކެވެ. އޭރިޔާ ތެރެއިން އަރިމަތީގައި ހުރެ ޖޯއޭ ވީރްމަން ތިރިން ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅަ ވެސް ދަނޑި ކައިރިން ބޭރަށް ދިޔައީ ކުޑަ ތަންކޮޅެކެވެ. 78 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޒަވީ ސިމޯން ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ނެދަލެންޑްސް ޔޫރޯގެ ކްއާޓާ ފައިނަލުން ޖާގަ މިހޯދީ 16 އަހަރަށް ފަހުއެވެ. ކްއާޓާ ފައިނަލްގައި ނެދަލެންޑްސް ވާދަކުރާނީ އޮސްޓްރިއާ ނުވަތަ ތުރުކީއާ އެވެ.