ޚަބަރު

ސަމޯއާ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމްދީނާއި ޤާނޫނު އަސާސީއާ ޚިލާފުނުވާގޮތަށް: ސަރުކާރު


  • ސަމޯއާ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ

  • އިސްލާމްދީނާ ޤަނޫނު އަސާސީއާ ޚިލާފުވާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވޭ

  • ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާ

ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުނާރާގޮތަށްކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައިމިވަނީ ސަމޯއާ އެގްރިމަންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކާއެކުކަމަށްބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިކަމަށެވެ. އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. ގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުކަން ހީނާ ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރުން ވަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުޞަތުނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

"ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް"ގައި ދިވެހިރާއްޖެއިން ސޮއިކުރީ ހޯމަ ދުވަހުއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދު އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.

މި އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަންއާއި އޯ.އޭ.ސީ.ޕީ.އެސް.އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެއްބަސްވުމަކީ އޯ.އޭ.ސީ.ޕީ.އެސް. ގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.