ޚަބަރު

ފަލަސްޠީނުގެ މުޖާހިދުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފި


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ އަތްދަށުން ޣައްޒާ މިނިވަން ކުރަން ޖިހާދު ކުރަމުންދާ އިސްލާމިކް ޖިހާދު ޖަމުޢިއްޔާއިން ޔަހޫދީންގެ ރަށްތަކަށް ރޮކެޓް ޙަމަލާތަކެއް ދީފައި މި ވަނީ, އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ޣައްޒާގެ ރަށްތަކުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ވާގިވެރިވާ އިސްލާމިކް ޖިހާދުން ބުނީ, ރޮކެޓް ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޣައްޒާ ކައިރީގައި އޮންނަ ޔަހޫދީންގެ ރަށްތަކާއި އަވަށްތަކަށް ކަމުގައެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދޭން އެ ޖަމާޢަތުން 20 ރޮކެޓް ބޭނުން ކޮށްފައިވެއެވެ. ނަމަވެސް, މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.

އިސްލާމިކް ޖިހާދުގެ ރޮކެޓުތައް އުދުއްސައިލާފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސުންނެވެ. މި ކަމާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ އެ ރަށް ހުސްކޮށް, އެ ރަށުން ފޭބުުމަށް ފަލަސްޠީނުގެ މުސްލިމުންނަށް އަންގާފައެވެ. މިއީ, އެ ރަށަށް އެއްގަމު މަގުން އަރައި, ޢުދުވާންތައް ފުޅާ ކުރާނެ ކަމުގެ އިންޒާރެކެވެ. މީގެ ކުރިން އަރައި ޔަހޫދީ ފައުޖުން ވަނީ އެ ރަށް ސުންނާފަތި ކޮށްލާފައެވެ.

ޣައްޒާގެ އިތުރުން ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޢުދުވާން ހިންގަމުންނެވެ. މި ގޮތުން, ހުޅަނގު އައްސޭރީގެ ޠުލްކަރްމަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖަކު ވަނީ ޝަހީދު ކޮށްލާފައެވެ. ޖުލައި 1ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ އެ ރަށަށް ވައިގެ ޙަމަލާތަކެއްދީ, މުޖާހިދެއް ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ އުތުރުގައި އޮތް އަލް-ޝަޖާޢައްޔަތުގައި ހިންގަމުންދާ ޢުދުވާންތައް ވެސް ޔަހޫދީ ފައުޖުން ދަނީ ފުޅާ ކުރަމުންނެވެ. އެ ސަރަޙައްދަށް އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުން ދެވަނަ ފަހަރަކަށް އަރައިގަނެފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އަދި, އެ ރަށުގެ ރައްޔިތުންނާއި ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޢަރަބިން އިސްވެ ކުރަމުންދާ މަޝްވަރާތައް މި ވަގުތު އޮތީ މަޑުުޖެހިފައެވެ. މަޝްވަރާތައް ވިލަރެސް ކުރުމުގައި އިސް ދައުރެއް އަދާ ކުރަނީ މިޞްރާއި ޤަޠަރުންނެވެ. އެމެރިކާއިން ވެސް ނަމެއްގައި މި ކަމުގައި ބައިވެރިވެއެވެ. މަޝްވަރާތަކުގައި ކުރިއެރުމެއް ލިބިފައި ނުވަނީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅާތީއެވެ.

ނަމަވެސް, ޔަހޫދީން ދާދި ފަހުން ވަނީ ޣައްޒާ ޢުދުވާނުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ 54 މީހުން މިނިވަން ކޮށްފައެވެ. މި ނިންމުން ނިންމާފައި ވަނީ ޔަހޫދީ ފައުޖުންނެވެ. މިއާ އެކު, ޔަހޫދީންގެ ސަރުކާރުގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދި, އަސްކަރިއްޔާއަށް ބަހުގެ ޙަމަލާތައް އަމާޒު ކުރިއެވެ. މިއީ, ނަތަންޔާހޫއަށް ވެސް ނޭނގި ނިންމާފައިވާ ނިންމުމެއް ކަމަށްވެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,900އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,060އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.