ޚަބަރު

ދިފާއީ ކުޅުންތެރިން ތިބީ ބޯ ބުރިކޮށްފައި ތިބި ކުކުޅުތަކެއް ފަދައިން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ އަށް ގައުމުގެ ތެރޭގައި ހިމެނެމަށް މިރޭ ނެދަލޭންޑްސް ނުކުންނައިރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ ޓީމުގެ ތެރޭގައި ދެބައިވުންތަކާއި އަރައިރުން އުފެދިފައިވާ ވާހަކަ އެވެ.

ގަދަ 16ގައި އޮތަސް ނެދަލޭންޑްސް މުބާރާތުގައި ދައްކާ ކުޅުމުން އެމީހުންނަށް މޮޅުވެވިދާނެތޯ ސުވާލު އުފައްދާ މީހުން ގިނަ އެވެ. މީޑިއާތަކުން ފާޑުކިޔަން ފެށުމުން ކުޅުންތެރިންނާއި ކޯޗު މިލަވަ ކިޔަންފެށީ މުޅިން އެހެން ރާގަކަށެވެ.

ނެދަލޭންޑްސް ޓީމަށް އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ޓީވީ ޕްރޮގްރާމްތަކަށް އަރާ ކުރީގެ ކުޅުންތެރިންނެވެ. 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ފޯވަޑް އަދި ކުރީގެ ގައުމީ ކޯޗު، މާކޯ ވެންބާސްޓަން ފުރަތަމަ ވެސް ހަމަލާ ފޮނުވާލީ މިހާރުގެ ކެޕްޓަން ވާޖިން ވެންޑައިކަށެވެ. އޭނާ ބުނީ ލިވަޕޫލްގައި މޮޅަށް ކުޅުނަސް ގައުމީ ޖާޒީގައި ވެންޑައިކްގެ ކުޅުން އެއްގޮތަކަށްވެސް ކަމަކުނުދާ ކަމަށެވެ. ކެޕްޓަނެއްގެ ރޯލު އަދާނުކުރެވޭ ކަމަށެވެ.

2010ގެ ވޯލްޑްކަޕް ފައިނަލް ކުޅުނު ރަފޭލް ވެންޑަވާޓް ބުނީ އޭނާގެ ގައުމު ދައްކަމުންދާ ކުޅުން ފެނިފައި ނުރޮއި ކަރުނަ ހިފަހައްޓާލައިގެން ހުއްޓަސް ކެތްކުރެވޭނީ ވަކިވަރަކަށް ކަމަށެވެ. ލިވަޕޫލަށް ކުޅުނު ޑާކް ކޮއިޓް ބުނީ މުޅި ޓީމު ފެންނަނީ ކުޅުންތެރިން އެކަކު އަނެކަކު ދަސްނުވެތިބި ބައެއްގެ ގޮތުގައި ކަމަށެވެ.

މި ފާޑުކިއުންތައް ކުރިމަތިވުމުން ފޯވަޑް މެމްފިސް ޑިޕާއީ ބުނީ ކުޅުމާމެދު އެކަކު އަކެކަކަށް ފާޑުކިޔައި މަޝްވަރާކުރުމަކީ އަބަދުވެސް އޮންނަ ކަމެއް ކަމަށެވެ. އެންމެން ވެގެން ކުރި ސައްލާތަކަށް ފަހު މި މެޗަށް ނުކުންނަންވާނީ ކުރީގެ ގޯސްތައް ބަލައި ދިރާސާކޮށް ރަނގަޅުކޮށްގެން ކަމަށެވެ. ޑިޕާއީ އެދުނީ ނޮކްއައުޓް ފޭސް އަކީ ނެދަލޭންޑްސް އަށް މުބާރާތް ފެށުން ކަމަށް ބަލައި، ޓީމާމެދު އިތުބާރެއް ބާއްވައިދިނުމަށެވެ.

ވެންޑައިކަށް ފާޑުނުކިޔަސް ކޯޗު ރޮނަލްޑް ކޫމަން ވެސް ހުރީ ވެންބާސްޓަންއާ އެއްބަސްކިޔައިގެންނެވެ. ކޫމަން ބުނީ ގްރޫޕުގެ ފަހު މެޗުގައި އޮސްޓްރިއާ އަތުން ބަލިވިއިރު އޭނާގެ ދިފާއީ ކުޅުންތެރިން އުޅުނީ ބޯ ބުރިކޮށްފައި ތިބި ކުކުޅުތަކެއް ފަދައިން ކަމަށެވެ.

އެ މެޗަށް ފަހު ނެދަލޭންޑްސް ގަދަ 16ގައި ކުޅެން ޖެހުން ފިޔަވައި ރަނގަޅު އެއްވެސް ކަމެއްނެތް ކަމަށެވެ. މާ ފަސޭހައިން ބަލިވި މައިގަނޑު ސަބަބަކީ ދެވަނަ ބުރަށް ދެވިފައި އޮތުމުން އެ މެޗު މާފަސޭހަކޮށް ނެގުން ކަމަށެވެ.

މިހެންވެ ފާޑުކިއުންތައް ބަލައިގަނެ، ކުޅުންތެރިންނާއި ކޯޗިން ސްޓާފުން މަޝްވަރާގެ މޭޒުދޮށަށް ޖަމާވެ، އެމީހަކު ބޭނުން އެއްޗެއް ކިޔަން ފުރުސަތު ދިނުމުން ކޫމަން އަށް ވަނީ ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވިފަ އެވެ.

ކޯޗު ބުނީ އޮސްޓްރިއާ މެޗަށް ފަހު ލިބުނު ހަތް ދުވަހަކީ ކަމެއް ރަނގަޅު ކުރަން ބޭނުންވާނަމަ ފުދި އިތުރުވާ އަދަދެއް ކަމަށެވެ. ރޮމޭނިޔާ މެޗު ނެދަލޭންޑްސް އިން ފަސޭހަކޮށް ނުނަގާނެ ކަމަށް ކޫމަން ކިތަންމެވަރަކަށް ބުންޏަސް ކުޅުންތެރިންނާއި ބައެއް އޮފިޝަލުންގެ އަމަލުތައް ހުރިގޮތުން މި މެޗުގެ ކުރިން ނެދަލޭންޑްސް މުބާރާތް ނިންމާލައިފި ކަމަށް ވެސް ވަނީ ވާހަކަ ދެކެވެމުންނެވެ. އެއީ އެމީހުން ނެދަލޭންޑްސްއިން ގެނައި ގޮދަޑިތައް މިހާރު ވެސް ޕެކްކޮށް، ފޮނުވާލަން ތައްޔާރުކޮށްފައި ހުރުމުންނެވެ.

ރޮމޭނިޔާ އަކީ އެންމެ ފުރަތަމަ ވޯލްޑްކަޕުގައި ޔޫރަޕުން ބައިވެރިވި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. މި އަހަރަކީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ރޮމޭނިޔާ ކުޅޭތާ 100 އަހަރު ފުރޭ އަހަރެވެ. އެ ގައުމުން މިހާރު އުއްމީދު ކުރަނީ ކުއާޓާ ފައިނަލް ޔަގީންކޮށް، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ނަމަވެސް ރޮމޭނިޔާ އަކީ ވެސް ޔޫރޯގައި ތާރީހުގައި ދެ ވަނަ ބުރާ ރައްޓެހި ޓީމެއްނޫނެވެ.

އެންމެ ފަހުން އެމީހުން ކުޅުނު ފަސް މުބާރާތަށް ބަލާއިރު ކުއާޓާ ފައިނަލަށް ދެވުނީ 2000 ވަނަ އަހަރު އެކަންޏެވެ. 1984 އާއި 1996 އަދި 2008 އާއި 2016ގައި ރޮމޭނިޔާ ރަށަށް ދިޔައީ ފުރަތަމަ ބުރުން ކަޓައިގެންނެވެ. މިއާ ހިލާފަށް ރޮމޭނިޔާ އަކީ މި މުބާރާތުގެ އެންމެ ސަޕްރައިޒިން ޓީމެވެ. ގްރޫޕް ފިޔަވަހީގައި ވަނީ އެކަން ސާބިތުކޮށްދީފަ އެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ޓީމު ދެ ވަނަ ބުރަށް ދަތުރުކުރީ ގަދަ ހިތްވަރާއި ތައުރީފް އޮހުނު މޮޅު ކުޅުމަކާއެކުގަ އެވެ.

ކޯޗު އެޑްވަޑް އިއުޑޮނެސްކޫ ބުނީ އޭނާގެ ޓީމުގެ މި މުބާރާތުގައި ދާނީ ކިހާ ދުރުމިނަކަށްކަން ބުނަން ނޭނގުނު ނަމަވެސް ކުޅުންތެރިން ތިބީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. ސަބަބަކީ މިއީ ހަޔާތުގައި އެއް ފަހަރު ތަޖުރިބާކޮށްލަން ލިބޭނެ ފުރުސަތަކަށްވެދާނެތީ ކަމަށެވެ.

މިރޭގެ މެޗުގައި ދެ ކާޑު ހަމަވެގެން ރޮމޭނިޔާގެ ނިކޫސާ ބަންސޫ އަށް ނުކުޅެވޭނެ އެވެ. ނެދަލޭންޑްސްގައި އިންޖަރީއެއްނެތެވެ. މި މެޗަކީ ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ކުޅޭ ދެ ވަނަ މެޗެވެ. 2008ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 2-0އިން ކާމިޔާބުކުރީ ނެދަލޭންޑްސް އެވެ.