ޚަބަރު

ޗާރޑެޓް އެކައުންޓަންޓުން ތަމްރީން ކުރުމަށް 100 ސްކޮލަރޝިޕަށް ހުޅުވާލައިފި


  • ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި

  • މި 100 ފުރުސަތު ބަހާލާފައިވާ 2 ބަޔަކަށް

ދިވެހިރާއްޖޭގައި ޗާރޑެޓް އެކައުންޓަންޓުން ތަމްރީން ކުރުމަށް 100 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންނެވެ.

މި ސްކޮލަރޝިޕްތައް ހުޅުވާލާފައިވަނީ 'ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ސްކީމް 2024'ގެ ނަމުގައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓުން ހުޅުވާލާފައިވާ، މި ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ޗާރްޓަޑް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ މި 100 ފުރުސަތު ބަހާލާފައިވާ 2 ބަޔަކީ ޕަބްލިކް ކެޓަގަރީއާއި އޯޕަން ކެޓަގަރީއެވެ. ފުރަތަމަ ކެޓަގަރީއަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ. އަދި ދެވަނަ ކެޓަގަރީއަކީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލްއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތައް:

* ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.
* CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.
* ހަޔަރ އެޑިއުކޭޝަނުން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
* އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

މި ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv މެދުވެރިކޮށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.