ޚަބަރު

ނެދަލެންޑްސް އިން ނިކުންނާނީ ރަނގަޅު ފުޓްބޯޅައެއް ކުޅެ މޮޅުވާން: ކޫމަން


"
އަހަރެމެން އެންމެ ބޮޑު ސަމާލުކަމެއްދޭނީ އިދިކޮޅު ޓީމަށް ހުސްޖާގަތައް ނުދީ، ރަނގަޅަށް ޕްރެސްކުރުމަށް.
ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން

ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ރުމޭނިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރިން، ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނީ، ނެދަލެންޑްސް އަކީ ފަޚުރުވެރި ގައުމެއް ކަމަށާއި، އެ ޓީމުން މެޗަށް ނިކުންނާނީ ރަނގަޅު ފުޓްބޯޅައެއް ކުޅެ، މޮޅުވާން ކަމަށެވެ. އެއީ އަބަދު ކުރެވޭނެ ކަމަކަށް ނުވިޔަސް ރުމޭނިއާ މެޗު ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް ވެސް ކޫމަން ބުންޏެވެ.

ކޫމަން މިހެން ބުނީ، މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރުމޭނިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން އުއްމީދު ކުރެވޭނެ ކަންތައްތައް އެނގޭ ކަމަށާއި، އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅު ކުރަންޖެހޭނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.

ކޫމަން ބުނީ، އޭނާގެ ޓީމު ހަމައަކަށް އެޅުވުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއްދޭނީ އިދިކޮޅު ޓީމަށް ހުސްޖާގަތައް ނުދިނުމަށާއި، ރަނގަޅަށް ޕްރެސްކުރުމަށް ކަމަށެވެ.

ކޫމަން ވަނީ، ރުމޭނިއާގެ ފަރާތުން ފެންނާނީ އެގްރެސިވް ކުޅުމެއް ކަމަށާއި، އެމީހުންނަކީ ފިޒިކަލީ ވަރުގަދަ، ޑިފެންސް ރަނގަޅަށް ކުރާ ޓީމެއް ކަމަށާއި، ކޯނަރާއި ހިލޭޖެހުންތަކުންވެސް ނުރައްކާ ކުރާނެ ކަމަށް ބުނެފައެވެ.

ނެދަލެންޑްސްގެ ޖާވީ ސިމޮންސްއާ ބެހޭގޮތުން ކޫމަން ބުނީ، އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، އެފަދަ ހުނަރުވެރި މޮޅު ކުޅުންތެރިންނަށް ގިނަ މަގާމުތަކަށް ކުޅެވޭނެ ކަމަށެވެ. އެކަން ނެދަލެންޑްސްގައި ކުޅުނުއިރު ވެސް ސާބިތުކޮށްދީފައިވާއިރު ނިމިދިޔަ ސީޒަނުގައި އާރްބީ ލީޕްޒިގު ގައި ވެސް އޭނާ އެކަން ދައްކައިދިން ކަމަށް ކޫމަން ބުންޏެވެ.

ކުރިއަށް އޮތް މެޗާ ބެހޭގޮތުން ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ ބުނީ، އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ރަނގަޅަށް އެނަލައިޒްކޮށްފައިވާ ކަމަށާއި، ޕްރެސްކުރުން މިހާރަށްވުރެ އިތުރަށް ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ. މިހާތަނަށް އެ ޓީމުން ފަރިތަކުރުންތަކުގައި ވެސް ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންއައިސްފައިވަނީ މިފަދަ ކަންތައްތައް ކަމަށް ވެސް ގަކްޕޯ ވަނީ ބުނެފައެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރުމޭނިއާ އާ ނެދަލެންޑްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 9 ޖަހާއިރު އެވެ.