ޚަބަރު

ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަން ކުރި ބޭއަދަބީ އިޝާރާތަކާ ގުޅިގެން ބެލިންގހަމްގެ މައްސަލަ ޔުއެފާއިން ބަލަނީ


  • []

ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަން ކުރި ބޭއަދަބީ އިޝާރާތަކާ ގުޅިގެން ބެލިންގހަމްގެ މައްސަލަ ޔުއެފާއިން ބަލަން ފަށައިފި އެވެ.

ގަދަ 16 ޓީމް ވާދަކުރި ބުރުގައި 1-0 ން ސްލޮވާކިޔާ އަތުން ބަލިވާން ދަނިކޮށް، އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅު އޯވަހެޑް ކިކަކުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ބެލިންގހަމް ވަނީ ސްލޮވާކިޔާ ބެންޗާ ދިމާއަށް ބޭއަދަބީ އިޝާރާތެއް ކޮށްފައެވެ. އެއީ އުފާފާޅުކުރުމުގެ އަހުލާގީ މިންގަނޑުންވެސް ބޭރު އިހުތިރާމްގެ ސިފަ ގެއްލިދާ އިޝާރާތަކަށް ވާތީ އެމައްސަލަ ބަލަމުންދާކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. ޔުއެފާއިން ބުނީ އެއީ ހަމަނުޖެހުމަކަށް ވެސް މަގުފަހިވެދާނެ ފަދަ އިޝާރާތެއް ކަމަށެވެ. މައްސަލަ ބެލުމަށްފަހު 21 އަހަރުގެ މިޑްފީލްޑަރަށް ސަސްޕެންޝަނެއް ނުވަތަ ޖޫރިމަނާއަކާ ކުރިމަތިވެދާނެ އެވެ.،
ރިޕޯރޓްތައް ބުނާ ގޮތުން ސަސްޕެންޝަނަކާއެކު ވެސް ޖޫރިމަނާއެއް އައިސްދާނެއެވެ.

ޔުއެފާއިން ބަލަމުންދާ މައްސަލައާއި، އުފާފާޅުކުރަން ކުރި އިޝާރާތާ ގުޅިގެން ސޯޝަލް މީޑިޔާގައި ބެލިންގހަމް ބުނީ އެއީ އެމީހުން، އެމީހުންގެ މެދުގައި ޖެހި ސަކަރާތުގެ ތެރެއިން ކުރި ސަމާސާއެއް ކަމަށެވެ. އަދި ސްލޮވާކިޔާއިން މެޗުގައި އިންގްލެންޑާ ދެކޮޅަށް ދެއްކި ކުޅުމަށް އިހުތިރާމް ކުރާކަމަށްވެސް ބެލިންގހަމް ބުނެފައި ވެއެވެ.

މިފަދަ އިޝާރާތެއް ކޮށްގެން މީގެކުރިން ބައެއް ކުޅުންތެރިންނަށް އަދަބު ދީފައި ވެއެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅުނުއިރު ރޮނަލްޑޯ ޖޫރިމަނާ ކުރިއެވެ. އެއީ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށްފަހު އެފަދަ އިޝާރާތެއް ކޮށްގެންނެވެ. އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯން އަށްވެސް އެފަދަ އިޝާރާތެއްގެ ސަބަބުން ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލްގައި ހޮނިހިރު ދުވަހުގެރޭ އިންގްލެންޑް ވާދަކުރަން ޖެހޭނީ ސްވިޒަރލެންޑާއެވެ.