ޚަބަރު

އޭއެންސީއާއި އިދިކޮޅު ޕާޓީތައް ގުޅިގެން ދެކުނު އެފްރިކާގެ އައު ސަރުކާރު އެކުލަވައިލަނީ


ދެކުނު އެފްރިކާގައި ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ)ން މައި އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސްގެ ބައިވެރިވުމާ އެކު ގުޅިފައިވާ ސަރުކާރެއް އެކުލަވައިލަން ނިންމައިފިއެވެ. ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ)އާ ގުޅިގެން ސަރުކާރު އެކުލަވައިލަން އޭއެންސީއަށް މަޖުބޫރުވީ, މޭ 29ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގައި ފުރިހަމަ އަޢުލަބިއްޔަތު ކާމިޔާބު ކުރެވިފައި ނުވާތީއެވެ. މިއީ, ފާއިތުވި ދަހަރެއްހާ ދުވަހު އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔަ އޭއެންސީއަށް ގުޅިފައިވާ ސަރުކާރެއް އެކުވައިލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ޑީއޭގެ ބައިވެރިވުމާ އެކު ގުޅިފައިވާ ސަރުކާރެއް އެކުލަވައިލަން ނިންމާފައިވާ ކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ ރައީސް ސައިރިލް ރަމަފޯސާއެވެ. އައު ސަރުކާރުގެ ކެބިނެޓުގެ ބައެއް މަޤާމުތަކަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ޢައްޔަން ކުރަން ނިންމާފައިވާއިރު, ރަމަފޯސާ އިޢުލާނު ކުރެއްވި ކެބިނެޓުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަޤާމު ހަވާލު ކުރައްވާފައި ވަނީ ކުރިން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއޭގެ ވެރިޔާ ޖޯން ސްޓީންހިއުސެނެވެ.

އޭއެންސީން އިދިކޮޅު ޕާޓީތަކުގެ ބައިވެރިވުމާ އެކު އައު ސަރުކާރެއް އިޢުލާނު ކޮށްފައި މި ވަނީ, އެތަކެއް ހަފުތާއަކަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ. ކެބިނެޓުގެ ބައެއް މަޤާމުތައް އިދިކޮޅު ޕާޓީތަކަށް ދޫކޮށްލާފައިވީ ނަމަވެސް, ރަމަފޯސާ ވަނީ ކެބިނެޓުގެ އެންމެ މުހިންމު އަދި ނުފޫޒު ގަދަ މަޤާމުތަކަށް އޭނާގެ އޭއެންސީގެ ބޭފުޅުން ޢައްޔަން ކުރައްވަން ނިންމަވާފައެވެ.

މި ގޮތުން, މާލީ ވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރަން ނިންމާފައި ވަނީ އެ މަޤާމުގައި މިހާރު ވެސް ހުންނެވި އިއެނޮޚް ގޮޑޮންގްވަނާއެވެ. މައުދަނާއި ތެލާ ބެހޭ ވަަޒީރު ކަމުގެ މަޤާމު ފުރުއްވާނީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި ގްވެދެ މަންތާސީއެވެ. ނަމަވެސް, ޚާރިޖީ ގުޅުންތަކާ ބެހޭ މަޤާމު ކުރިން ފުރުއްވި ނޯލެދީ ޕަންދޯރް އެ މަޤާމުން ދުރު ކުރައްވައި, ރަމަފޯސާ ވަނީ އެ މަޤާމަށް އޭއެންސީގެ ރޮނަލްޑް ލަމޮލާ ޢައްޔަން ކުރައްވަން ނިންމަވާފައެވެ.

އައު ކެބިނެޓު އިޢުލާނު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރަމަފޯސާ ވިދާޅުވީ, ވީހާ ވެސް ގިނަ ޕާޓީތަކަށް ސަރުކާރުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން އޭނާ މަސައްކަތް ކުރެއްވި ކަމުގައެވެ. އަދި, ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ދެކުނު އެފްރިކާގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރުމަށް އައު ރޫހަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއް ކަމުގައެވެ.

ޑީއޭގެ ސްޓީންހިއުސެން ވިދާޅުވީ ޑިމޮކުރަސީ ނަގަހައްޓައި, ދެކުނު އެފްރިކާގެ ކުރިމަގު ބައްޓަން ކުރުމަށް ގުޅިގެން މަސައްކަތް ކުރަން އޭނާގެ ޕާޓީން ތައްޔާރަށް އޮތް ކަމުގައެވެ. އޭއެންސީއާ ދެކޮޅު ބައެއް ކުދި ޕާޓީތަކަށް ވެސް އައު ސަރުކާރުން ޖާގަ ދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ދެކުނު އެފްރިކާގެ ޢާންމު އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު ފެނިގެން ދިޔައީ ނަސްލީ ތަފާތު ކުރުންތައް ނަތައިލުމަށާއި, އިންސާފާއި ހަމަހަމަ ކަމަށް ތާޢީދުކޮށް އަދި އަޕާތީޑާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ޕާޓީއަށް އޮތް ތާޢީދު ފަނޑުވެގެން ގޮސްފައިވާ މަންޒަރެވެ. އޭއެންސީގެ ސަރުކާރަށް އޮތް ތާޢީދު ފަނޑުވެފައި ވަނީ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ޕާޓީން ވެފައިވާ ގިނަ ވަޢުދުތަކެއް ފުއްދިފައި ނެތުމުންނެވެ. އޭގެ ތެރޭގައި ސާފު ބޯފެނާއި, ތަޢުލީމާއި ކަރަންޓުގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ހިމެނެއެވެ.

އޭއެންސީއާއި އިދިކޮޅު ޕާޓީތަކުން ގުޅިގެން އެކުލަވައިލި އަައު ސަރުކާރަށް ދެކުނު އެފްރިކާގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ކަން އަންދާޒާ ކުރަން ދަތި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެ ޕާޓީތަކުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ, ޕާޓީތަކުގެ މެދުގައި އޮތް ތަފާތުތައް ނައްތައިލުމެވެ. ނަމަވެސް, އެއީ އެއްވެސް ޕާޓީއަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

މި ގޮތުން, ކަޅު ނަސްލުގެ މީހުން ބާރުވެރި ކުރުވުމުގެ ނަމުގައި އޭއެންސީން ކުރިއަރުވަން މަސައްކަތް ކުރާ ޕުރޮގުރާމަކީ ޑީއޭން ގަބޫލު ކުރާ ސިޔާސަތެއް ނޫނެވެ. އެ ޕާޓީން ދެކޭ ގޮތުގައި, އެއީ މަދު ޢަދަދެއްގެ ވަކި ބަޔަކަށް މާލީ މަންފާ ހޯދައިދޭން އޭއެންސީން ތަންފީޒު ކުރަމުންދާ ޕުރޮގުރާމެކެވެ. އަދި, އެ ޕުރޮގުރާމުގެ ސަބަބުން ފަގީރު ކަމުގައި ދިރިއުޅޭ ކަޅު ނަސްލުގެ މީހުން އިތުރަށް ނިކަމެތިވެފައިވާ ކަމުގައި އެ ޕާޓީން ގަބޫލު ކުރެއެވެ.