ޚަބަރު

މަސްވެރިންނަށް ދައްކަންޖެހޭ 53 މިލިޔަން ރުފިޔާ މިހާރު ދަނީ ޖަމާކުރަމުން: މިފްކޯ


  • ޖަމާކުރަމުންދަނީ މިދިޔަ ބުރާސްފަތީގެ ނިޔަލަށް ގަތް މަހައްވާ ފައިސާ

  • މިއަހަރު މިހާތަނަށް 742 މިލިޔަން ރުފިޔާ މަސްވެރިންނަށްވަނީ ދޫކޮށްފައި

ނިމުނު ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ 53 މިލިޔަން ރުފިޔާ މިހާރު ޖަމާކުރަން ފަށާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ވަނީ އެ ފައިސާ 1 ޖުލައިން ފެށިގެން ޖަމާކުރަމުންދާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދީފައެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ޙައްލުކުރުމަށް އެ ކުންފުނިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާ އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް ޢިއުލާނުކުރާގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން މި ހަފްތާގައި އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަމަށެވެ.

މިފްކޯއިން ބައިނަލްއަޤްވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ބުނެއެވެ.

ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދީފައިވާ ފައިސާއާއި މިފްކޯގެ ޚަރަދު ހިމެނޭގޮތަށް، މަސްވެރިންނަށް 742 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.