ޚަބަރު

ތަޙުޤީޤުކުރަމުންދާ ސިހުރުގެ މައްސަލަ ހުށަހެޅީ ރައީސްގެ ޢާއިލާއަކުން ނޫން: ސަރުކާރު


  • ރައީސްގެ އައިލާ ގުޅުވައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ވިދާޅުވޭ

  • މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއް

ސިހުރު ހެދިކަމަށް ބުނެ ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށް ތަހުޤީޤު ކުރެވޭ މައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ އަދި އެމަނިކުފާނުގެ ޢާއިލާއިން ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ބައެއް މީޑިއާތަކުގައި މިމައްސަލަ ތަހުޤީޤު ކުރަމުންދަނީ ރައީސުލްޖުމުހޫރިއްޔާގެ ޢާއިލާގެ ފަރާތުން ހުށަހަޅައިގެން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މީޑީއާގައި ރައީސުލްޖުމުހޫރިއްޔާއާއި، އެމަނިކުފާނުގެ ޢާއިލާއާއި މިކަމާއި ގުޅުވައި ފަތުރަމުން ދަނީ ހަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށް ވިދާޅުވިއެވެ. މިކަން ދިވެހިން ފުލުހުންގެ ޚިދުމަތުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.


މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކެއް ކަމަށްވާ، ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ މިވަގުތު މަޤާމން ސަސްޕެންޑް ކޮށްފައިވާއިރު، އޭނައާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާ މައްސަލައެއް ދިވެހި ފުލުހުންގެ އިދާރާއިން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ސިހުރުގެ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ އަންހެނެއްގެ ބަންދާއި ގުޅިގެން ކްރިމިނަލް ކޯޓަށް ދެވަނަ ފަހަރަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 7 ދުވަސް ޖަހާފައިވެއެވެ.