ޚަބަރު

މާފުށީ ޖަލުގައި ހިންގާ އޮޕަރޭޝަން ކުރިއަށްދާގޮތް ދާޚިލީ ވަޒީރު ބައްލަވައިލައްވައިފި


  • މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ޕޮލިސް، ކަރެކްޝަންސް އަދި އެމްއެންޑީއެފް ގުޅިގެން

  • މިދިޔަ ބުރާސްފަތި ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށްފައިވޭ

މާފުށީ ޖަލަށް ޤަވާއިދާ ޚިލާފަށް ތަކެތި ވައްދާ މައްސަލައާއި ގުޅިގެން ހިންގާ އޮޕަރޭޝަން ކުރިއަށްދާގޮތް ދާޚިލީ ސަލަމަތާއި ފަންނީއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.

މާފުށީ ޖަލަށް ވަޒީރު އިޙްސާން ވަޑައިގަތީ ޖަލު އޮފިސަރުންތަކެއް ރިޝްވަތު ހިފުމާއި ޤާނޫނާ ޚިލާފުވުމުގެ ތުހުމަތު ކުރެވި، ހިނގަމުންދާ އޮޕަރޭޝަން ބައްލަވައިލެއްވުމަށެވެ.

އެގޮތުން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުގައި 13 ކަރެކްޝަންސް އޮފިސަރުން ހައްޔަރުކޮށްފައިވާއިރު މުޅިއެކު 18 އޮފިސަރަކަށް ތުހުމަތު ކުރެވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސާރވިސް އަދި އެމްއެންޑީއެފް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަން ބައްލަވާލެއްވުމަށް، ދަޚިލީ ވަޒީރު މާފުއްޓަށް ވަޑައިގަންނަވާފައިވާއިރު، މި ޒިޔާރާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އަދި ކޮމިޝަނަރ އޮޕް ޕްރިޒަންސް ހަސަން ޒަރީރު އިތުރުން ޕޮލިސް އަދި ކަރެކްޝަންގެ އިސްކޮށް މަސައްކަތްކުރައްވާ ގިނަ އޮފިސަރުންތަކެއް ވަނީ ބައިވެރިވެފައިވެއެވެ.

ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތަކަކީ މިހާތަނަށް ޙައްލު ނުވެއޮތް މައްސަލަތަކެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ޖަލުގައި ދާދި ފަހުން މެޓަލް ޑިޓެކްޓަރެއް ހަރުކޮށްފައިވާއިރު، މި ޖުލައި މަހުގެ ތެރޭ ބޮޑީ ސްކޭނަރެއްވެސް ހަރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.