ޚަބަރު

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފި


  • އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުން ރުހުންދެއްވީ އިއްޔެ

  • އެއްބަސްވުމާއެކު އީޔޫގެ ޤައުމުތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ

"ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް"ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

މި އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯ.އޭ.ސީ.ޕީ.އެސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދެއްވީ އިއްޔެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދު އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފައެވެ.

ސަމޯއާ އެގްރީމެންޓް އެކުލަވާލާފައިވަނީ އީޔޫއާއި އެ ޖަމިއްޔާގެ މެންބަރު ޤައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޯ.އޭ.ސީ.ޕީ.އެސްގެ މެންބަރު ގައުމުތަކުގެ މެދުގައެވެ.

މި އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަންއާއި އޯ.އޭ.ސީ.ޕީ.އެސް.އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެއްބަސްވުމަކީ އޯ.އޭ.ސީ.ޕީ.އެސް. ގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.