ޚަބަރު

މިފްކޯއަށް ކިރާ މަހަށް މީގެފަހުން 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ: ވަޒީރު


  • މިފްކޯއިން ވަނީ އެކުންފުންޏަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފައި

  • މިފްކޯއަށް ގިނަ ބަދަލުތަކެއް ދަނީ ގެންނަމުން

  • ހިންގުން ހަރުދަނާކޮށް ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް ދަނީ އަޅަމުން

މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއެކު މިފްކޯއަށް މަސްވެރިން ކިރާ މަހަށް 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިފްކޯއިން ވަނީ ޖުލައި 1ން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށްކަމަށް ނިންމާފައެވެ.

މިއަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އާއި މިފްކޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށެވެ.

އަދި މިހާރު މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"މިފްކޯ އަކީ ބްރޭކް އިވަންގައި ހިންގާ ކުންފުންޏަކަށް ހަދައިގެން އެކަން ވެވޭނީ، އެމަސައްކަތް މިކުރަނީ، އަމާޒަކީ މިވަގުތު މި ގެނެވޭ ބަދަލުގައި، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ ފެސިލިޓީތަށް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޤާއިމްކުރާ ފެސިލިޓީތައް ނިމޭއިރު މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 15،000 ޓަނަށް އިތުރުވެގެން ދާނެއެވެ އަދި ފެލިވަރުގެ ދަޅުގައި މަސް ބަންދުކުރުމުގެ ކެޕެސިޓީ ދުވާލަކު 100 ޓަނަށް އުފުލިގެންދާނެއެވެ.

މީގެ އިތުރުން ގދ. ފިޔޯރީގައި އަޅާ ކާރުޚާނާއާއި ފ. ނިލަންދޫގައި އަޅާ ކާރުޚާނާއާއެކު އަހަރެއްގެ މައްޗަށް 80 ހާސް ޓަނު ޕްރޮސެސްކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބޭނެއެވެ. މިމަޝްރޫޢުތައް ނިމުމުން ދިވެހިރާއްޖެއިން ބާނާ ދޮށީގެ މަހުގެ އަގު ކަނޑައެޅުމުގެ ބާރު ލިބޭނީ ދިވެހި ކުންފުނިތަކަށެވެ. މިހާރު އެކްސްޕޯޓްކުރާ ބާޒާރުތަކުގައި މަސްވިއްކާ މިންވަރު އިތުރުކުރުމާއި އަދި އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް މާރކެޓިން ކުންފުނިން ފަށާފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ސަރުކާރުން މާބޮޑު އަގެއްގައި ގަންނާތީ މަސްކައްކާ ރިހާކުރު ހަދާ ކުންފުނިތަކަށްވެސް ގެއްލުންވޭ، މީގެއިތުރުން ޕްރައިވެޓު ކުންފުނިތަކަށްވެސް މިކަމުގެ ސަބަބުން ދެމިތިބުމަށް އޮތީ ހުރަސްއެޅިފައި،" ޝިޔާމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އިލްޔާސް ހަނީފް ވިދާޅުވީ މަހުގެ އަގަށް ގެނެސްފައިވާ ބަދަލާއެކުވެސް މިފްކޯ ހިންގުމަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާނެ ކަމަށެވެ.

އަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން ކުރިމަގުގައި މިފްކޯއިން ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ކުރުމަކީ އަމާޒެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިހާރު ހުރި ރެވެނިއު އާއި ހުރި ޚަރަދުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދަކުން ބޭނުންވޭ، ބޭނުންވާ އަދަދު ކުޑަކުރުން ބިނާ ވަނީ ކުންފުނީގެ އާމްދަނީ އާއި ޚަރަދަށް ބަދަލު ގެނެސްގެން، އެ އަމާޒާއި ދިމާލަށް މިދަނީ،" އިލްޔާސް ވިދާޅުވިއެވެ.

މިފްކޯއިން މަސް ގަންނަ އަގު ބަދަލުކޮށްފައިވާއިރު، ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.