ޚަބަރު

ބެލްޖިއަމަށް ދެ ލަނޑު ޖެހިފައިވުމަކީ ގަބޫލުކުރަން ދަތިވިޔަސް ހަގީގަތް: ޓެޑެސްކޯ


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ފްރާންސާ ދެކޮޅަށް ނިކުތުމުގެ ކުރީން، ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނީ، މިހާތަނަށް މުބާރާތުގައި ކުޅުނު ތިން މެޗަށްފަހު އޭނާގެ ޓީމަށް އެންމެ ދެލަނޑު ޖެހިފައިވުމަކީ ގަބޫލުކުރަން ދަތިވިޔަސް ހަގީގަތްކަމަށާއި، ހަމައެގޮތަށް ފްރާންސަށް ވެސް ގޯލް ޖެހިފައިވަނީ ހަމަ އެ އަދަދަށް ކަމަށެވެ.

ޓެޑެސްކޯ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަދި، އޮސްޓްރިއާ އަތުން 0-1 އިން ފްރާންސް މޮޅުވުމަކީ ވެސް ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް ކަމަށާއި، އެއީ ފުޓްބޯޅަ ކަމަށާއި، ފްރާންސާއި ބެލްޖިއަމް ވެސް މުބާރާތުގެ މި ހިސާބަށް އައިއިރު އޮތީ އެއް ހާލަތެއްގައި ކަމަށް ވެސް ޓެޑެސްކޯގެ ވާހަކައިގައި ފާހަގަކުރިއެވެ.

ޓެޑެސްކޯ ބުނީ، ފްރާންސާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ ކަމަށާއި، އަދި އެހާމެ މުހިއްމު މެޗެއްކަމަށް، އެހެންކަމުން ބެލްޖިއަމުން މެޗުން މޮޅުވާން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ މުބާރާތުން ވަކިވާންޖެހޭނެ ކަމަށެވެ.

އެންމެ ރަނގަޅަށް މެޗަށް ފޯކަސްކުރަންޖެހޭއިރު، އެކަން އެގޮތަށް ކުރުމުގެ ކޮލިޓީ ވެސް ބެލްޖިއަމް ޓީމުގައި އެބައޮތް ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ. މިހާތަނަށް ފްރާންސާ ދެކޮޅަށް ކުޅެފައިވާ މެޗުތަކުން އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ކުޅުންތެރިން މޯޓިވޭޓްވާން ފަސޭހަވާނެ ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

އޭނާގެ ސްކޮޑުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ފުރިހަމަ އިތުބާރު އޮތް އިރު ހަމައެކަނި މައްސަލައަކީ 11 ކުޅުންތެރިން ދަނޑުމައްޗަށް ނެރެން ޖެހުން ކަމަށް ފާހަގަކޮށް ޓެޑެސްކޯ ބުނީ، ހުރިހާ ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިވެ، މެޗަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށާއި، އޭނާ އަށް އުނދަގޫވެގެންދާނީ ބެންޗުގައި ބައިތިއްބާނެ ކުޅުންތެރިން ކަނޑައެޅުމަށް ކަމަށެވެ.

ބެލްޖިއަމްގެ މިޑްފީލްޑަރު، އޮރެލް މަންގަލާ ބުނީ، ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް މެޗުކަމަށް ވާއިރު އުއްމީދަކީ ސަޕޯޓަރުންގެ އެހީތެރިކަމާއެކު ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް އޮރެލް މަންގަލާ ބުންޏެވެ.

މެޗަށް ނިކުންނައިރު ފްރާންސަކީ ފޭވަރިޓްކަށްވާއިރު މުބާރާތްތަކުގައި އެ ޓީމުގެ ރެކޯޑް ވަރަށް ރަނގަޅު ކަމަށާއި، މިދިޔަ އަހަރުތަކުގައި ވޯލްޑް ކަޕެއް ކާމިޔާބުކޮށް، އިތުރު ފައިނަލެއްގައި ކުޅެފައިވާ ކަމަށް ވެސް މަންގަލާ ބުންޏެވެ. ދެ ޓީމުން ވެސް ނިކުންނާނީ މެޗު ކާމިޔާބުކުރުމަށް ކަމަށާއި، އާހިރުގައި މޮޅުވާ ބަޔަކު ފެނިގެންދާނެ ކަމަށް ވެސް މަންގަލާ ވަނީ ބުނެފައެވެ.

ފްރާންސާ ބެލްޖިއަމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.

"
މިއީ އުނދަގޫ އަދި އެހާމެ މުހިއްމުވާނެ މެޗެއް، މެޗުން މޮޅެއް ހޯދުން ނޫން ގޮތެއް ނޯންނާނެ.
ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ