ޚަބަރު

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާދިނުމަށް މަރުކަޒެއް ގާއިމްކުރަނީ


  • މިތަނަށް ކިޔާނީ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ"

  • ފެސިލިޓީ ގާއިމްކުރަނީ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

މިކަރުދާހުގައި ހުށަހަޅާފައިވާ ގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއް ނުވަތަ ކުރިން މީހުން ދިރިއުޅެ އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި ގާއިމުކުރުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައިވެއެވެ.

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ދާޚިލީ ވަޒީރު ހާމަކުރައްވާފައިވަނީ މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުއެވެ. އޭރު ވަޒީރު ވިދާޅުވެފައިވަނީ ރީހެބިލިޓޭޝަން ފެސިލިޓީ އެޅުމަށް ވަކިން ރަށެއް ތަރައްޤީކުރައްވާނެ ކަމަށެވެ.

ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު ނަގަންޖެހޭ ޢުމުރު 15 އަހަރުން 12 އަހަރަށް ކުޑަކުރަންޖެހޭކަމަށް މީގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ކުޑަކުރަނީ އަދަބުދިނުމުގެ މަޤުޞަދުގައި ނޫންކަމަށާއި އެކަން ކުރަނީ ކުދިންނަށް ފަރުވާދިނުމަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.