ޚަބަރު

ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދޭން ފަށަނީ


  • ކުރީގެ އިމާރާތުގައި ކިޔަވައިދިނަސް ހުޅުމާލެ ސީއެޗްއެސްއީއަށް ބަދަލެއް ނާންނާނެ

  • ކުރީގެ އިމާރާތުގައި ސެމްޓެމްބަރުގައި ކިޔަވައިދޭން ފަށާނެ

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި، އަލުން އޭލެވެލް ކިޔަވައިދޭން ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމަވާފައިވަނީ، އޯލެވެލް ނިންމާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނާތީ، އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދިނުމަށްކަމަށެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށްކަމަށްވާއިރު، މި ހިނގާ 2024ވަނަ އަހަރުވެސް ގްރޭޑް 10ގައި 1700 ދަރިވަރުން މާލޭގައި ކިޔަވަމުންދާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގައި އޭލެވަލްއަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލެއް މިވަގުތު ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާ ބެލެނިވެރިންނަށް ކުރިމަތިވާކަމެއްކަމަށެވެ. މިކަމަށް ޙައްލެއް ހޯދުމުގެގޮތުން އަންނަ ސެޕްޓެމްބަރު މަހު، އޭލެވެލްގެ ގްރޭޑްތަކުގެ ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި، އޭލެވެލް ކިޔެވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގައި ހުރި ސީއެޗްއެސްއީގެ އިމާރާތުގައި ކިޔަވައިދޭން ފެށިނަމަވެސް، މިހާރު ހުޅުމާލޭގައި ކިޔަވައިދޭ ސީއެޗްއެސްއީގެ ކިޔެވުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ މާލޭގައި ސަރުކާރުގެ އެލޭވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭ ލެވެލް ދަރިވަރުންގެ އަދަދު މަދުވާނެކަމަށެވެ. އަދި ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލް ތަޢުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށްވުރެ ކުޑަކުރެވޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަމަށް ޖުމްލަ ޙައްލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގައި އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރުގެ މުޅިން އާ ސްކޫލެއް އަޅައިގެންކަމަށެވެ. ކައިރި މުސްތަޤުބަލެއްގައި އޭލެވެސް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރާނެކަމަށް ތަޢުލީމީ ވަޒީރު ޑރ .އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

ސީއެޗްއެސްއީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ، ނިމުނު 2023ވަނަ އަހަރުގެ މެދުތެރޭގައެވެ.