ޚަބަރު

40 އަހަރާ ނުބައްދަލު ދަރަނި މިދިޔަ 5 އަހަރު އެކަނިވެސް އުފެއްދި: މެންބަރުން


  • ދަރަންޏާ ބެހޭ ބިލުގައި ދަރަނި މެނޭޖުކުރާނެ ސިޔާސަތުތައް ކަނޑައަޅާފައިވޭ

  • 5 އަހަރުން އެކަނިވެސް 65 ބިލިއަން ދަރަނި އުފެއްދިކަމަށް މެންބަރުން ވިދާޅުވި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދަރަންޏާ ބެހޭ ބިލެއް ދައުރުގެ އެންމެ ކުރީކޮޅު ހުށައެޅުއްވީ، ދިވެހި ދައުލަތަށް ވަންނަ ކޮންމެ ފައިސާއަކީވެސް ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފައިވާ ފައިސާއެއްކަން ކަށަވަރުކުރުންކަމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.


މި ބިލު ހުށައަޅުއްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ މިފަދަ ބިލެއް ސަރުކާރުގެ އެންމެ ކުރީކޮޅު މަޖިލީހަށް ހުށައެޅުމުން ސާފުވަނީ މި ސަރުކާރުން ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ވިސްނުން އޮތްކަންކަމަށެވެ. މަމްދޫހު ވިދާޅުވީ މިއަދު ރާއްޖޭގެ އިޤްތިޞާދު ނާޒުކު ޙަލަތަށް ގެންދިޔައީ ނިމިިދޔަ އެމްޑީޕީ ސަރުކާރުންކަމަށެވެ. ނިމިދިޔަ ސަރުކާރުގައި ކުންފުނިތައް ހިންގުމަށް ދައުލަތުން މިލިއަނުން ފައިސާދީ ދަރަނި ނަގަމުންދިޔަކަމަށާއި، މި ޙަލަތަށް އިޤްތިޞާދު ގެންދިއުމުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެކަމަށް މެންބަރު ވިދާޅުވިއެވެ.

"ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި 5 އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔައިރު މިފަދަ ޤާނޫނެއް ގެނައުމުގެ ފަހި ފުރުޞަތު ނިމިދިޔަ އެމްޑީޕީ ސަރުކާރަށް އޮވެމެ މިފަދަ ޤާނޫނީ ބާރުވެރިކަމެއް ނުގެނެނެސް ދައުލަތް، މުޅި ދިވެހިރާއްޖެ ހަލާކާ ދިމާއަށް ގެންދިޔައީ ހަގީގަތުގައިވެސް އިޚްލާސްތެރިކަމެއް އެބޭފުޅުންގެ ނެތީތީ." މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވިއެވެ.

މި ބިލަށް ވާހަކަފުޅު ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ މިހާލަތު އުފެއްދީ މި ސަރުކާރުން ނޫންކަމަށާއި، މިސަރުކާރު ހަވާލުވީއިރު ދައުލަތުގެ ދަރަނި އޮތީ 120 ބިލިއަން ރުފިޔާގައިކަމަށެވެ. ނަގާ ދަރަނިން ރަނގަޅު ނަތީޖާއެއް ފެންނަންވާނެކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ ނިމިދިިޔަ ސަރުކާރުގައި އެކަނިވެސް 60 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެދަރަނި އުފައްދައި، އެއިން އުފެއްދުންތެރި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ރިކަރަންޓު ޚަރަދު އިތުރުކުރީކަމަށްވެސް އަޒާން ވިދާޅުވިއެވެ.

"މައިގަނޑުގޮތަކށް ކުރިކަމަކީ ރިކަރަންޓު ޚަރަދު އިތުރުކުރުން. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްރޫއުތައް ހިންގައި، ދިވެހިރާއްޖެއަށް ފައިސާ ވަންނާނެ އަދި އިޤްތިޞާދު ފުޅާވާނެ އެއްވެސް ކަމެއް އެ މަޝްރޫޢުތަކުން ކުރެވުނުތަން އަޅުގަނޑުމެންނަށް ނުފެނޭ." މެންބަރު އަޒާން ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ޤައުމުގެ ދަރަނި މެނޭޖުކުރުމަށް އަދުގެ ސަރުކާރުން، ދައުރުގެ ކުރީކޮޅު ބިލެއް ހުށައެޅުމުން އެނގެނީ ހަގީގީ މާނާގައި މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ބުރަ އަދި އުފެއްދުންތެރި މަސައްކަތްތަކެއް، ޤާނޫނީ ގޮތުން ބާރު ލިބިގެން ކުރަން ބޭނުންވެފައިވާކަމެވެ.

"ނިމިދިޔަ 40 އަހަރު ދައުލަތުގެ ދަރަންޏަކީ ގާތްގަނޑަކަށް 56 ބިލިއަން. 5 އަހަރު ނިންމިއިރު 120 ބިލިއަން. މިއީ އަދި ފެންނަން އޮތް ޑޮކިއުމަންޓުތަކުން މިހާތަނަށް ހޯދިފައިހުރި ނަތީޖާ. އަދި ނޭނގެ ފަހުން އޮންނާނީ ކިހާވަރެއްކަމެއް. އަޅުގަނޑު އަޑުއެހިން އަވަށްޓެރި އުރުދޫ ކަރައިން ދިން ލޯނަކީވެސް ހިލޭ އެހީއޭ. 100 އެތައް ބިލިއަން ޑޮލަރެއް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވީމަ އެނގުނީ އެއީވެސް މި ދައްކަން ޖެހޭ އެއްޗެއްކަން. އިއްޔެ އެވާހަކަ ދެއްކި މިނިސްޓަރު އިނގޭތޯ ނޫސްބަޔާން ދެއްވާ ވިދާޅުވީ ހިލޭ އެހީއޭ. އެކަމު އެ ފައިސާވެސް ދައްކަން މިޖެހުނީ މިސަރުކާރަށް." މަތިވެރި ދައިރާގެ މެންބަރު ވިދާޅުވިއެވެ.


ބިލަށް ވާހަކަފުޅު ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވަނީ ނިމިދިޔަ ސަރުކާރުގައި 120 ބިލިއަން ރުފިޔާއިން ޤައުމު ދަރުވާލުމަށްފަހު ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. ދަރަނި ނަގައިގެން އައްޑޫ ސިޓީއަށްވެސް މަސައްކަތްތަކެއް ކޮށްދެވިފައިނުވާކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

"ތިބޭފުޅުން ކަނޑުން ގޯތި ދީފައި، ޖައްވުން ގޯތި ދީފައި، ތިބޭފުޅުން ބޭނުންތާކުން ބޭނުންގޮތަކަށް ފައިސާ ބަހާލާފަ ޤައުމު ބަނގުރޫޓު ކޮށްލާފަ ނޫންތޯ މިއަދު އަޅުގަނޑުމެންނާ ހަމައަށް މިއައީ. މިހާ ބާރަށް މިވާހަކަ ދައްކަންޖެހެނީ މިހެންވީމަ." އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވީ ދަރަންޏާ ބެހޭ ބިލަކީ ރާއްޖޭގެ މާލިއްޔަތު ސަލާމަތްކުރަން ސަރުކާރުން ހުށައެޅި ބިލެއްކަމަށެވެ.

"މިފަދަ ބިލެއް ހުށައަޅަންޖެހުނީ ދިވެހި ދައުލަތަށް ވަންނަ ކޮންމެ ލޯ ލާރިއެއް، ދަރަންޏެއް ގޮތުގައިވިޔަސް، ހިލޭ އެހީއެއްގެ ގޮތުގައިވިޔަސް، އަދި ޓެހުކެއްގެ ގޮތުގައިވިޔަސް، ވަންނަ ކޮންމެ ފައިސާއަކީ ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފައިވާ ފައިސާއެއްކަމަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެބަ ޤަބޫލުފުޅު ކުރައްވާ. އަދި ވަތްގަނޑުން ބޭރުވާ ކޮންމެ ފައިސާައެއް ބޭރުވެގެންދަނީ ޒިންމާދަރު ކަމާއެކުކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާތީ މިފަދަ ބިލެއް ފޮނުވާފަ މިއޮތީ." މެންބަރު ސުޖާޢު ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަފުޅުގައި ވަނީ މިއަދު ރާއްޖޭގެ އިޤްތީޞާދު މި ޙާލަތަށް ދިޔައީ އޮޅުވާލުމާ ކޮރަޮޕްޝަންގެ ތެރެއިން ކަންކަން ކުރުމުގެ ނަތީޖާއިންކަމަށް ވިދާޅުވެފައެވެ. މިއާއެކު އިޤްތިޞާދު ރަނގަޅުކޮށް، ހަމަޖެހޭ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އިދިކޮޅުންވެސް އެއްބާރުލުން ދޭންޖެހޭކަމަށް ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވިދާޅުވިއެވެ. އެއީ ސިޔާސީ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ދަރަނި މިހިސާބަށް ދިއުމުން އެކަށީގެންވާ އިސްލާހީ ފިޔަވަޅު އަޅާތީ އެއްބާރުލުން ދިނުމަކީ ޒިންމާދާރު އިދިކޮޅު ފަރާތެއް އޮތުމުގެ ބޭނުންކަމަށްވެސް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވިދާޅުވިއެވެ.